ޚަބަރު

ކޯވިޑް-19 : ޑަބްލިއުއެޗްއޯއިން 10،000 ޓެސްޓްކިޓާއި ޕީޕީއީ ރާއްޖެއަށް ހަދިޔާކޮށްފި


ކޯވިޑް-19އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްކަށް އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން 10،000 ޓެސްޓްކިޓްއާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިކަމާގުޅިގެން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންވަނީ މިއަދު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓެޓިވް ޑރ.އަރުވިންދު މާތުރަށް ގުޅުއްވައި، އެޖަމިއްޔާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ހަދިޔާކުރި ޓެސްޓް ކިޓާއިއެކު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް މިހާތަނަށް 21،000 ޓެސްޓްކިޓް ވަނީ ހަދިޔާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ކަނޑައަޅާ ޓެސްޓްކިޓްގެ ޢަދަދު އިތުރުވެގެންދާނެކަމަށް އެޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން މިއަދު ހަދިޔާކުރި ޕީޕީއީ އާލާތްތަކުގެ ތެރޭގައި ގައުނާއި، ފޭސްމާސްކުގެ އިތުރުން އަންގިއާއި، ފޭސް ޝީލްޑްފަދަ މުހިންމު އާލާތްތައް ހިމެނެއެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19އާ ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެކިގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާޢަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ގިނަ ޢަދަދެއްގެ ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފައި މިވަނީ، ރާއްޖޭގައި ބަލީގެ އެންމެ ނުރައްކާތެރި ޙާލަތު އޮތް މިދުވަސްވަރާ ދިމާކޮށް ޓެސްޓްކުރުން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެއްހާހަށްވުރެ ގިނަ ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުންދަނީ ކުރަމުންނެވެ.