ޚަބަރު

ކޯވިޑް-19 : އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ނާއިބުރައީސް ބައްލަވާލައްވައިފި


ކޯވިޑް-19ގެ ޙަލަތާ ގުޅިގެން އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށްދާ ގޮތާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ކަމާބެހޭ އިދާރާތަކުގެ އިސްފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ނާއިބް ރައީސް، ފައިޞަލް ނަސީމްވަނީ ކޯވިޑް-19އާ ގުޅިގެން އެކިއެކި ޙާލަތްތައް މެދުވެރިވެ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގައި އެންމެއިސްކޮށް ޙަރަކާތްތެރިވާ މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީއާއި، އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ މަރުކަޒުތަކުގެ އިސްފަރާތްތަކާއި، ކަމާގުޅޭ އެހެން އިދާރާތަކުގެ އިސްފަރާތްތަކާއެކު ބައްދަލުކުރައްވައި އެމަސައްކަތް ކުރިޔަށްދާގޮތާ ބެހޭގޮތުން މަޝްވަރާކުރައްވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ކޯވިޑް-19ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މަޢޫލޫމާތު އޮޅުންފިލުއްވާފައެވެ. އޭގެ އިތުރުން، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރިޔަށްގެންދެވޭ މަސައްކަތްތަކާއި ޚާއްޞަކޮށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށުން ހިނގަމުންދާ ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާގެ އިތުރުން ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަޒުކަޒާއި އަދި ނެޝަނަލް ޑްރަގް އެޖެންސީގެ ދަށުން ހިނގަމުންދާ މަރުކަޒުތަކުގައި ތިބި މީހުންގެ ކަންކަން މި ކޯވިޑް ބަލިމަޑުކަމުގެ ޙާލަތުގައި ކުރިޔަށްގެންދެވޭގޮތާއި އަދި ކަންކަން ކުރިޔަށް ރާވާލެވިފައިވާ ގޮތުގެ ޕްލޭންތަކާބެހޭ މަޢުލޫމާތުތައްވެސް އެމަނިކުފާނު އޮޅުންފިލުއްވިއެވެ.