ޚަބަރު

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ލަފާކޮށްފައިވާތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، ވިދައި ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.މޫސުމަށް ސަމާލުވުމަށް އަންގާ، ފުލުހުން ނެރެފައިވާ ބަޔާނުގައި ރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު، ކަނޑުދަތުރު ފަތުރުތައް ގިނަ ޤައުމަކަށްވުމާއެކު، ކަނޑު ދަތުރު ކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ރައްޔިތުންގެ ފުރާނައާއި މުދަލުގެ ސަލާމަތަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ބުނެފައިވެއެވެ. ޚާއްސަގޮތެއްގައި ގިނަ ޢަދަދެއްގެ މީހުން ގޮވައިގެން ކަނޑުމަގުން ކުރައްވާ ދަތުރުތަކާ، އެއްރަށުން އަނެއް ރަށަށް ފެރީތަކުގައި ކުރައްވާ ދަތުރުތަކުގައިވެސް ދަތުރުކުރައްވާ މީހުންގެ ރައްކާތެރިކަމަށާއި، މުވާޞަލާތީ ކަންކަމަށް އިސްކަން ދެއްވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.  އަދި މިފަދަ ދަތުރުތަކަށް ފުރާއިރު އެކަމުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ޙިއްސާކުރުމަށްވެސް  ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ކަނޑު ދަތުރު ކުރާނަމަ ކަމާބެހޭ އިދާރާތަކުން މުސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރު ކުރެއްވުމަށްވެސް ފުލުހުން ބުނެފައިވެއެވެ.