ޚަބަރު

ވާރލްޑް ހެލްތު އެސެމްބްލީގެ 73ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


ވޯލްޑް ހެލްތު އެސެމްބްލީގެ 73ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި ކޯވިޑް-19އާ ގުޅިގެން ފަންނީ ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުންނާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

73ވަނަ ވޯލްޑް ހެލްތު އެސެމްބްލީ މިހާރު ފެށިގެން ކުރިއަށްދާއިރު، މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން އިރާކޮޅުގެ ވަގުތެއްގައި ވަރޗުއަލްކޮށް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ބައްދަލުވުމުގައި ޤައުމުތަކުގެ ވަޒީރުންނާއި ދަޢުވަތު އެރުވިގެން ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުން ތަގްރީރުކުރައްވާނީ "ކޯވިޑް-19 ރެސްޕޯންސް"އާ ބެހޭގޮތުންނެވެ.

ޤައުމު ތަކުގެ ސިއްޙަތާބެހޭ ވަޒީރުންނާއި ސިއްޙީދާއިރާގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ މިބައްދަލުވުމަކީ ބައިނަލްއަޤްވާމީ މުހިންމު ނިންމުންތަކެއް ނިންމާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ. އަދި މީގެކުރިން މިބައްދަލުވުމަކީ ސްވިޒަރލޭންޑްގެ ޖެނީވާގައި ކޮންމެ އަހަރަކުވެސް ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

މިއަހަރުގެ ބައްދަލުވުމަކީ އެހެން އަހަރުތަކާ ޚިލާފަށް ދެދުވަހުގެ މުއްދަތަށް، މިމަހުގެ 18އިން 19އަށް ކޮންމެ ދުވަހަކު 3 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްދާ ބައްދަލުވެމެވެ. މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 194 މެމްބަރު ޤައުމުތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަހަރުގެ ބައްދަލުވުން ނިމިގެންދާނީ ކޯވިޑް-19އާ ގުޅޭގޮތުން ސިއްޙަތާބެހޭ ވަޒީރުން އެއްބަސްވާ އެއްބަސްވުމެއް އެންޑޯޒް ކުރުމަށްފަހުއެވެ. އަދި މިއަހަރުގެ ފަހުކޮޅު ޖެނީވާގައި މިބައްދަލުވުން ބޭއްވުމަށް ނިންމާ ތާރީހެއްވެސް ބައްދަލުވުން ނިމުމުގެ ކުރިން ކަނޑައަޅާނެއެވެ. 2019ވަނަ އަހަރުގެ ވޯލްޑް ހެލްތް އެސެމްބްލީގެ ބައްދަލުވުން ކުރިއަށްދިޔައީ މެއިމަހުގެ 20އިން 28އަށް ސްވިޒަރލޭންޑްގެ ޖެނީވާގައެވެ. އެބައްދަލުވުމުގައި ޞިއްޙަތާ ގުޅުންހުރި މުހިންމު ކަންކަމާގުޅޭ ސައިޑް އިވެންޓްތަކުގައި ރާއްޖެއިން ބައިވެރިވެ، ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްގެން 2 ސައިޑް އިވެންޓެއް ބޭއްވިއެވެ.