ވިޔަފާރި

ފެން ބިލު ދައްކަން ދަތި ގެސްޓްހައުސްތަކަށް ލުއިގޮތްތަކެއް ހަދައިދޭން މަޝްވަރާކޮށްފި


ފެން ބިލުގެ ފައިސާ އަދި ޖޫރިމަނާ ދެއްކުމުގައި ދަތިވާ ގެސްޓްހައުސްތަކަށް ލުއިގޮތެއް ހޯދައިދިނުމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން އެމްޑަބްލިޔުއެސްސީއާ މަޝްވަރާކޮށްފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ ގެސްޓްހައުސް ތަކުގެ ކަންބޮޑުވުން ހިއްސާކުރުމަށް އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު އަދި އެހެން އޮފިޝަލުންނާއެކު މިމަހުގެ 16 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

މިބައްދަލުވުމުގައި ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައިވާތީ ފެންބިލް ދެއްކުމާއި، ޖޫރިމަނާ ފައިސާ ދެއްކުމަށް ގެސްޓްހައުސްތަކަށް ކުރިމަތިވާ ދަތިތައް އެމްޑަބްލިއުއެސްސީއާ ހިއްސާކުރިއެވެ.

މިބައްދަލުވުމުގައި ފެން ބިލް އަދި ޖޫރިމަނާ ދައްކަން ދަތިވާ ފަރާތްތަކަށް ލުޔެއް ދިނުމާއިބެހޭ ގޮތުން އެމްޑަބްލިއުއެސްސީގެ ބޯޑުގެ ފެންވަރުގައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެކުންފުނިން ދީފައިވާކަމަށް ގޭމްގެ ބަޔާނުގައިވެއެވެ. މިގޮތުން ބިލް އަދި ޖޫރިމަނާ ފައިސާ ދައްކަންޖެހޭ ތާރީހު ފަސްކޮށްދިނުމަށް މަސައްކަތް ކުރާނެކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފައިވާކަމަށް ގޭމްއިން ބުނެއެވެ.

ގޭމްއިން ބުނީ ކޯވިޑް-19އާ ގުޅިގެން ފުރަަބަންދު އިއުލާންކޮށް، ފަތުރުވެރިކަން މެދުކަނޑާލުމާއި ގުޅިގެން ގެސްޓުން ނާންނާތީ ގެސްޓު ހައުސް ހިންގާ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ. އަދި ގެސްޓް ހައުސްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުން ފިލުވާ، ހިޔާލު ހޯދުމަށް އޮންލައިންކޮށް ގޭމްއިން ސެޝަންތަކެއް ކޮންމެ ހަފްތާއަކު ދަނީ ބާއްވަމުންނެވެ. އަދި ސެޝަންތަކުގެ ޒަރިއްޔާއިން ގެސްޓްހައުސްތަކަށް ދިމާވެފައިވާ މައްސަލަތަކާބެހޭ މައުލޫމާތު އެއްކޮށް ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށް ހައްލު ހޯދައިދިނުމަށް ގޭމްއިން ދަނީ މަސައްކަތް ކުރަމުންނެވެ.