ތިމާވެށި

ފަރެސްމާތޮޑާގެ ގޮނޑުދޮށް ޙިމާޔަތްކުރުން


ހުވަދު އަތޮޅު ދެކުނު ބުރީ ފަރެސް މާތޮޑާގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، އުދައެރުމުން ރައްކާތެރިކުރުމަށް ބޮޑު ހިލަތޮއްޓެއްލުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ތޮށިލުމުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީ ޠާރިގް އިބްރާހީމެވެ.ސަރުކާރުގެ ބަޖެޓުން 37 މިލޔަން ރުފިޔާ ޚަރަދުކޮށްގެން އެމް.ޓީ ހޯގާޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ ދަށުން، ފަރެސް މާތޮޑާގައި 700 މީޓަރުގެ ތޮއްޓެއްލުމަށް ވަނި ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރމަންޓު މިނިސްޓަރ ޠާރިގް އިބްރާހީމް ވިދާޅުވީ، ސަރުކާރުން ފަރެސްމާތޮޑާއަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލަ ހައްލުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އަދި ޔޫ.އެން.ޑީ.ޕީން ކަނޑައަޅާފައިވާ 3 މިލިޔަން ރުފިޔާގެ އެހީއާއެކު މިއަހަރު ނިމުމުގެ ކުރީން ހިލަ ތޮށި ލުމުގެ މަސައްކަތް ނިންމާލުމަށް ހޯގާޑާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ.ފަރެސްމާތޮޑާގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރުމަށް ޑިޒައިން ކުރާނެ ބައެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ކުރިއަށްއޮތް މަހެއްހާ ދުވަސްތެރޭ ބަޔަކާއި ހަވާލުކުރެވި، މިއަހަރު ނިމުމުގެ ކުރިން ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިގަނެވޭނެކަން، މިނިސްޓަރ ވަނީ މިޖަލްސާގައި އިއުލާންކުރައްވާފައެވެ.މި މަސައްކަތް ކުރާ ހޯގާޑުން ބުނީ، ބޮޑު ހިލަ ބާޖުގެ ފުރަތަމަ ޝިޕްމަޓް އައިސްފައިވާކަމަށާއި އިތުރު ހަތަރު ޝިޕްމަޓް އައުމުގެ މަގުމަތީގައިވާކަމަށެވެ. އެހެންކަމުން އެމަސައްކަތް ވީއެންމެ އަވަހަށް ރަނގަޅު ފެންވަރަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެފަރާތުން މައުލޫމާތުދެއެވެ. ފަރެސް އަދި މާތޮޑާ ދެ ރަށެއްގެ ގޮތުގައި އޮތުމަށްފަހު 1990 ގެ އަހަރުތަކުގެ ތެރޭގައި ދެރަށުގެ ދޭތެރޭގައި އޮންނަ އޮއިދެމޭ ތަން ހިއްކާލުމާއި ގުޅިގެން ފަރެސް އަވަށާއި މާތޮޑާ އަވަށަށް އުދައަރަމުން ދިއުމުގެ ސަބަބުން ރަށުގެ ގެތަކާއި ތިމާވެއްޓަށް އެކިވަރުގެ ގެއްލުންތަށް ވަމުންދާކަމަށް އެރަށުން ވާހަކަދެއްކި ބައެއް އާންމު ފަރާތްތަކުން ބުނެއެވެ.ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، އުދައެރުމުން ރައްކާތެރިކުރުމަށް މިވަގުތު 10 ރަށެއްގެ މަސައްކަތް ކުރެވެމުންދާއިރު، މިއަހަރުތެރޭގައި އިތުރު 7 ރަށެއްގައި މިމަސައްކަތް ފަށައިގަނެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.މި ޕްރޮޖެކްޓްތަކަށް ޖުމްލަ 300 މިލިޔަން ރުފިޔާ ޚަރަދުވާކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ