ޚަބަރު

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް "ޔެލޯ އެލާޓް" ނެރެފި


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް "ޔެލޯ އެލާޓް" ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ދާދިދެންމެއަކުވަނީ މިރޭ މެންދަމު 02:00 ހަމައަށް ފާދިއްޕޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދުކުނުން އައްޑޫސިޓީއާހަމައަށް މޫސުންގޯސްވާނެކަމަށް ލާފާކޮށް "ޔެލޯ އެލާޓް" ނެރެފައެވެ.

ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވިދާޅުވެފައިމިވަނީ އިންޑިއާގެ ބޭއޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ޠޫފާނާ ގުޅިގެން ރާއްޖޭގެ ސަރަހައްދުތަކަށް ވައިގަދަވާނެކަމަށް ލަފާކުރެވޭތީއެވެ. ކުރިއަށް އޮތް 3 ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށާއި، މިއާކު ފެންބޮޑުވުމާއި އުދައެރާފާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގައި މުސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިރޭ 08:00 އިން މާދަމާރޭގެ 08:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރާ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިންވަނީ ވިދާޅުވެފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސްދުވަސް ވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން.

މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތަައް ހިނގަމުންދާކަމުގެ މަޢުލޫމާތު އެންއެންޑީއެފްގެ ކޯސްޓްގާޑައަށް ލިބެމުންދާކަން އެފަރާތުން ފާހަގަކުރައްވައެވެ. އެހެންކަމުން ކަނޑުދަތުރުކުރާ އުޅަނދުގެ ވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަށް އެފަރާތުން އިލްތިމާސް ކުރައްވައެވެ.