ރިޕޯޓް

އެތައް ބިލިއަން ރުފިޔާގެ މުދާ މަގުމަތީގައި ހުރެ ހަލާކުވަނީ، ކިޔަމަންތެރިކަމާއި އެކު ގިނަ ރައްޔިތުން ތިބީ ގޭގައި


ކޯވިޑް-19ގެ ބިރުވެރިކަަމާއި އެކު ޤައުމުތައް ފުރަބަންދުކޮށްފައިވާތާ އެތައް މަހެއް ވެއްޖެއެވެ. ބަލިފެތުރުން ހުއްޓުވުމަށްޓަކައި ރައްޔިތުން ގޭގައި ތިބުން ނޫންގޮތެއް ނެތެވެ. ކުރީގެ އާއްމު ހާލަތަށް އަނބުރައި ދެވޭނެ ދުވަހެއް އެކަކަށްވެސް ކަނޑައެޅިގެން ބުނާކަށް ނޭނގެއެވެ.

15 އޭޕްރީލްގައި މާލެއިން އާއްމުންގެ ތެރެއިން ކޯވިޑް-19ގެ ބަލިމީހަކު ފުރަތަމަ ފެނުމާއި އެކު ގުރޭޓާ މާލެ އޭރިއާ ފުރަބަންދުކުރި ފަހުން މިހާތަނަށް މަހަކަށް ވުރެ ގިނަ ދުވަސްވީއެވެ. ފުރަބަންދުން ވީއްލޭނޭ ދުވަހެއް އަދި ނޭނގޭ އިރު، މިހާރު ރާއްޖެ މިގުނަމުން ދަނީގެ ބަލީ އެންމެ ބޮޑަށް ފެތުރިގެންދާނެ ކަމަށް ބެލެވޭ ދެހަފްތާއެވެ.

ގުދުފަތި ކުރުމަށް ރައްޔިތުން އެއްބާރުލުން ދިނުމަށް ސަރުކާރުން ގޮވާލުމާއި އެކު އެތައް ރައްޔިތުންނެއް ތިބީ ގޭގައެވެ. އަމިއްލަ ފުރާނަ އާއި މުޖުތަމައުގެ އެހެން މީހުންގެ ރައްކަލަށްޓަކައެެވެ. އެތައް ބިލިޔަން ރުފިޔާއެއްގެ މުދާ މަގުމައްޗަށް ދޫކޮށްލާފައެވެ.

މާލެއަކީ، އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު އެންމެ ގިނަ އެއްސިޓީއެވެ. މިއަހަރުގެ ޖެނުއަރީ މަހާއި ހަމައަށް އައިރު މާލޭގައި، 64000 ސައިކަލާއި 8000 އެއްގަމު އުޅަނދު ދުއްވާކަމުގައި، ރިކޯޑުތަކުން ދައްކައެވެ. މިވެހިކަލްތަކުގެ އަގު ފަސް ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެއެވެ.

ކޯވިޑް-19 އާއި އެކު ދަތުރު ފަތުރު ހުއްޓުމާއި އެކު ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކިންގ ޒޯނުތަކުގައި ގުޑުވައިވެސް ނުލެވި ހުންނަތާ އެއް މަސްވީއެވެ. ގިނަ ދުވަހު މިގޮތަށް ވެހިކަލްތައް ބަހައްޓަން ޖެހުމަކީ އެތަކެތީގެ އިންޖީނުތަކުގައި މައްސަލަޖެހި، އަދި އަތްވާއި ވާރޭގައި ހުރެ ގެއްލުންތައް ލިބެމުންދާ ކަމެކެވެ.

މާލޭގައި ދިރިއުޅޭ ގިނަ ޒުވާނުންނަކީ އެމީހުންގެ މިލްކުގައި، ސައިކަލެއް ފިޔަވައި އެހެން މުދަލެއް ނުވާ މީހުންނެވެ. ގިނަ ސައިކަލްތަކަކީ، ކްރެޑިޓަށް އަދި އިންސްޓޯލްމެންޓަށް ނަގާފައިވާ އުޅަނދު ފަހަރެވެ.

ސައިކަލްތަކާއި އުޅަނދުތައް ދުރު ޕާކިންގ ޒޯނުތަކުގައި، ޕާކުކޮށްފައި އެތައް ބަޔަކު ގޭގައި ތިބީވެސް ހިތަށް ފަސޭހަވެގެނެއް ނޫނެވެ. އެކަމަކު މިއަދު އެނޫން ގޮތެއް ނެތެވެ.

"އަޅުގަނޑުގެ ސައިކަލް ހުންނާނެ މަގުމަތީގައި ޕާކުކޮށްފައި، ލޮކްޑައުން ފެށުނު ދުވަހު ހަމަ، ސައިކަލު )އެތަނުގައި) ހުރިކަން ހަމަޔަޤީން. ކުޑަދޮރުން ބޯދިއްކޮލީގައި ލޮލުކޮޅަށް ފެންނަ ހިސާބުގައި ސައިކަލް ޕާކުކޮށްފައި ހުންނާނީ. އެހެން ނަމަވެސް ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި." މައިކޮލެޖުގެ ލެކްޗަރަރ އަހުމަދު ޒަކީ ވިދާޅުވިއެވެ.

މާލޭގައި އެތައް ސަތޭކަ ވެހިކަލެއް ހުރި އިރު، އެހުރިހާ ސައިކަލުތަކެއް ޕާކު ކުރަން ޖެހެނީ މަގުމަތީގައެވެ. ލޮކްޑައުންގެ ކުރިން އާއްމު ހާލަތުގައި އަހަރެމެން ދިރިއުޅެމުން އައި އިރު، ޕާކިން ޒޯނުތަކުގައި ހުންނަ ސައިކަލްތައް ވަގަށް ނަގައިގެން ކޮންމެ ދުވަހަކު ފުލުހުންނަށް އެތައް ރިޕޯޓެއް ލިބެއެވެ. އެކަން ކަމުގެ ސަބަބުން އާއްމުރައްޔިތުންނަށް އެތައް މާލީ އެތައް ގެއްލުމެއް އައީ ލިބެމުންނެވެ.

"މިހާރު ކަންތައްތައް ހުރި ގޮތާއި، އިވެމުންދާ އަޑުތަކަށް ބަލާއިރު ސައިކަލު، ހުރީ ކޮން ހާލަތެއްގައިކަމެއްވެސް އެއްގޮތަކަށްވެސް ނޭނގެ. ފަހަރެއްގައި އޮވެދާނެ ހަަމަ ހުސްތޮށި ގަނޑެއް ހެންވެސް. އޭގެ ހުރިހާ ޕާޓްސްތައް ނަގައިގެން ބަޔަކު ވިއްކާފައި ވެސް ހުރެދާނެ. ލޮކްޑައުން ނިމޭއިރު ސައިކަލް ސަލާމަތުން ހުރިއްޔާ ٱلْحَمْدُ لِلَّٰهِ " ޒަކީ ވިދާޅުވިއެވެ.

ގިނަ ދުވަހު އުޅަނދުތައް މަގުމަތީގައި ހުންނައިރު އެތަކެއްޗަށް ގެއްލުން ލިބި ހަލާކުވަމުންދާނެ ކަން އެންމެންނަށްވެސް އެނގެއެވެ. އެކަމަކު މިފަދަ އާލަމީ ވަބާއެއްގެ ވަގުތުގައި މުދަލަށް ވުރެ އިސްކަން ދޭންޖެހިފައިވަނީ ރައްޔިތުންގެ ފުރާނައަށެވެ. އެކަން ޤަބޫލުކޮށް އެތައް ޒުވާނުންނެއް އެތިބީ ގޭގައެވެ.


"ސައިކަލް މިހާރު ހުންނާނީ ޕާކިންގ ޒޯނުގައި ޕާކުކޮށްލާފައި، އެންމެ ފަހުން ސައިކަލަށް އެރީ އޭޕްރީލް 17 ގައި. ޑެލިވަރީއެއް އެއްޗެއް ބަލާ ތިރިއަށް ދާ ފަހަރަކުން ސައިކަލް ސްޓާޓްކޮށްލައި ހަދަން. ސައިކަލް ރަނގަޅު ކަންޑިޝަނުގައި ބަހައްޓަން ބަހަނާއެއް ދައްކާފައި ހުއްދައެއް ނަގައިގެން ދުއްވަން ދިޔުމަކީ އެއީކީ އެންމެ ރަނގަޅުގޮތެއްނޫން. ﷲ އިރާދަކުރެއްވިއްޔާ އަހަރެމެން ސަލާމަތުން ތިބިއްޔާ އަދި ސައިކަލް ދުއްވަން ދެވޭނެ. އަލުން ސައިކަލު ގަނެވިވެސް ދާނެ " ރާޅު މޯލްޑިވްސް އަދި ރާޅުގަނޑު ބޮޑުބެރު ގެ ބާނީ، ހައްމާދު ރަޝީދު (ހަމްޕު) ބުންޏެވެ.

އެހެން ޒުވާނުން ބުނީ، ސައިކަލްތައް އެގޮތަށް ހުރެ ހަލާކުވިޔަސް އަދި މީހަކު ގެއްލުމެއް ދިނަސް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

"ސައިކަލް ހުންނާނެ ގޭގެ ކުރިމަތީގައި ޕާކިން ޒޯނުގައި. ދެން ކޮންމެ ދުވަހަކު ނޫނަސް ދޭތެރެއަކުން ބަލާލަށް ސައިކަލު ހުރިހާލެއް. ވަގަށް ނަގައިފާނެތީ ނުވަތަ ގެއްލުމެއް ދީފާނެތީ ހަމަ ކަންބޮޑުވޭ. އެކަމަކު މިދުވަސްކޮޅު ލޮކްޑައުން ވީމަ، ނުއިންނާނެތާ އެތާނގައި ނުބައިންދާ ވާނެ ގޮތެއް." އެއާޕޯޓުގެ ވަޒީފާއެއްގައި މަސައްކަތް ކުރި ޒުވާނެއް ކަމުަގައިވާ ހަސަން އަފީފް ބުންޏެވެ.

އެހެން ޒުވާނަކު ބުނީ އޭނާގެ ސައިކަލަކީ، އެނާގެ ދެފައި ކަމަށެވެ. އެއަށްލިބޭ ގެއްލުމަކީ އޭނާގެ ދެފަޔަށް ލިބޭ ގެއްލުމެއް ކަމަށެވެ.

ރައްޔިތުން އެމީހުންގެ އަގުހުރި މުދާ މަގުމައްޗަށް ދޫކޮށްލާފައި ގޭގައި ތިބި އިރު އަދިވެސް ގޯސް އަމަލުތައް ކުރާ ޒުވާނުން މަދުން ނަމަވެސް އެބަ ފެނެއެވެ. މައުލޫމާތު ހިއްސާކުރި ޒުވާނަކު ބުނީ، ގުރޫޕަކުން މަގުމަތީގައި ހުރި ސައިކަލްތަކުން ޕެޓްރޯލް ވަގަށް ނަގާ މަންޒަރު އޭނާ ގޭގެ ބެލްކަނީގައި ހުއްޓައި ފެނުނު ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލެ ތެރެ ފުލުހުން ބަލަހައްޓައި ޕެޓްރޯލް ކުރަމުން ދާއިރު، މަގުމަތީގައި ހުރި ވެހިކަލްތައްވެސް ބަލަހައްޓަމުން ގެންދާކަމަށެވެ. އަދި ފުރަ ބަންދުގެ މިމުއްދަތުގައި މަގުމައްޗަށް ނުކުމެ އުޅޭ މީހުންނާއި ފުލުހުން ސުވާލު ކުރަމުން ދާއިރު، ފުރަ ބަންދުގެ އަމުރުތަކާއި ޚިލާފުވާ ފަރާތްތައް ޖޫރިމަނާކޮށް އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތައް ދަނީ ހައްޔަރުކުރަމުންނެވެ. އަދި ފުރަ ބަންދާއި އެކު އެހެން ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދުތައް ވަނީ ތަފާސް ހިސާބުތަކުން ފެން ގޮތުގައި މަދުވެފައެވެ.

ސައިކަލްތައް މިހާރުވެސް މަގުމަތީގައި ހުރެ ދަނީ ހަލާކުވަމުންނެވެ. ކޯވިޑާއި ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ބައެއް ޑޮކްޓަރުންވެސް އެބޭފުޅުންގެ ސައިކަލްތައް ދުއްވޭ ހާލަތްތަކުގައި މިހާރު ނެތްކަން ފާހަގަކުރައްވައި، ޚިދުމަތްދޭ ގަރާޖެއް މިލޮކްޑައުންގެ ތެރޭގައި ހުރިތޯވެސް ޓުވިޓާގައި ސުވާލު ކުރައްވާފައި ވެއެވެ.

ފުރަ ބަންދުން ވީއްލޭއިރު، އިޤުތިޞާދީ ހަރަކާތްތަކާއި ވިޔަފާރިތައް ހިނގައިގަންނައިރު، އެންމެ ބާރު ބޮޑުވެގެންދާނެ ތަންތަނުގެ ތެރޭގައި ވެހިކަލް ގަރާޖުތައް ހިމެނޭނެއެވެ. އެތައް ދުވަހެއްވާންދެން ނުދުއްވައި ބެހެއްޓި ސައިކަލްތަކާއި ކާރުތައް އަލުން ދުއްވައި ސާވިސް ކުރުމަށް ޖެހޭ ކިޔޫ ބޮޑުވެގެންދާނެކަން ޔަޤީންވެއެވެ.

ކޯވިޑް-19 އާއި އެކު ދިރިއުޅެން ޖެހޭ އައު އާއްމު ހާލަތަކަށް ތައްޔާރުވަމުން ދާއިރު، ހައްލު ނުކުރެވިފައިއޮތް މާލޭގެ ވެހިކަލްތައް އިތުރުވުމުގެ މައްސަލަ އާއި މެދުވެސް ކަމާއި ބެހޭ ފަރާތްތަކުން ވިސްނާލަން އެބަ ޖެހެއެވެ.