ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގައި ޑެންޓަލް ލެބޯޓަރީއާއެކު އިތުރު ޚިދުމަތްތައް ފަށަނީ


  • ނަފްސާނީ ފަރުވާ ފުޅާކުރުމަށްވަނީ ނިންމާފައި

  • އިތުރު ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ހުޅުމާލެ ހޮސްޕިޓަލަށް ވަޞީލަތްތައް އިތުރުކޮށް އައު ޚިދުމަތްތަކެއްވަނީ ފަށާފައެވެ. އިތުރުވަމުން އަންނަ ހުޅުމާލޭގެ އާބާދީއާ އެއްވަރަށް ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މަސައްކަތްތައް ކުރަމުން އަންނައިރު މިއަހަރުގެ ތެރޭގައިވެސް ވަނީ މުޅިން އަލަށް ޚިދުމަތްތަކެއް ފަށާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު ޚިދުމަތްތައް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުޅުމާލެ ހޮސްޕިޓަލްގެ ޑިރެކްޓަރ ޖެނަރަލް މޫސާ ކަލީމް ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ފަދައިން އެހޮސްޕިޓަލްގައި ޑެންޓަލް ލެބޯޓަރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި އެޚިދުމަތް މިއަހަރު ތެރޭގައި ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލްގައި ދެމުންދާ ނަފްސާނީ ބަލީގެ ފަރުވާގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ކަލީމް ވިދާޅުވިއެވެ. އޭގެތެރޭގައި މެންޓަލް ހެލްތުގެ އޯޕީޑީގެ ޚިދުމަތް ފުޅާކޮށް، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދިނުމަށް ޚާއްސަ ވޯޑެއްވެސް މި މަޝްރޫޢާއެކު ލިބޭނެކަމަށް ކަލީމް ވިދާޅުވިއެވެ.

"އެ ޚިދުމަތް ދެވޭނެ އިންތިޒާމް އެންމެ ރަނގަޅަށް ބޭނުންވާވަރަށް ޤާއިމްކޮށްފައި ނެތުމަކީ އޮތް ބޮޑު ގޮންޖެހުމެއް. އެކަމަށް ހައްލުތަކެއް ދަނީ ހޯދަމުން. މިހާރު ބަލިމީހުން އެނދުމަތިކޮށްގެން ފަރުވާދެނީ ހަމައެކަނި އައިޖީއެމްޗްގައި، މިއީ ބޮޑު ޗެލެންޖެއް. މި މަޝްރޫޢު ނިމުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުޔެއް ލިބިގެންދާނެ." ހުޅުމާލެ ހޮސްޕިޓަލްގެ ޑިރެކްޓަރ ޖެނަރަލް މޫސާ ކަލީމް ޤާސިމް ވިދާޅުވިއެވެ.

މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މާލެ ސަރަހައްދުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގާކަމަށެވެ. މި މަޝްރޫޢުތައް ނިންމުމަށްފަހު ޚިދުމަތް ދިނުމަށް އަދި ވަގުތު ނަގާނެކަން ސީއީއޯ ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަދަ މަޝްރޫޢުތައް ނިމުމުގެ ކުރިންވެސް ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލަށް ވަޞީލަތްތައް އިތުރުކުރުމުގެ އިތުރުން 250 އެނދުގެ އައު އިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 2ގައި 500 އެނދުގެ ހޮސްޕިޓަލެއް ތަރއްޤީ ކުރުމަށް ނިންމަވާފައިވާކަމަށާއި އެ ހޮސްޕިޓަލުން ކެންސަރަށާއި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ފަރުވާ ލިބޭނެކަމަށް ވިދާޅުވިއެވެ.

"މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާފަ ޚިދުމަތް ދެވޭވަރުވާނެ. ނަމަވެސް އެމަސައްކަތް ނިމެންދެންވެސް މިހާރު ހުރި ވަޞީލަތްތަކުން ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންގޮސް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރެވޭތޯ. އެގޮތުން ޑެންޓަލް ލެބޯޓަރީއެއް ތަރައްޤީކުރުމުގެ މަސައްކަތަކީ މާލެއާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުންވެސް ދަތުގެ ޚިދުމަތުގައި ބޭނުންވާ ތަކެތި އެލެބުގައި އުފައްދާ ފޯރުކޮށްދެވޭނެ." މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު އެމްއާރްއައި މެޝިނެއް ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. މިހާރު ޚިދުމަތް ދެނީ އެންމެ ސީޓީ އަދި އެމްއާރްއައި މެޝިނެއް ބޭނުންކޮށްގެންކަމަށާއި ޚިދުމަތް މެދުނުކެނޑޭނެ އުޞޫލުން ކަންކަން ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ދާދިފަހުން ވަނީ ގޮހޮރާއި މައިދާގެ ބަލިތަކަށް ޚާއްސަ އޯޕީޑީގެ ޚިދުމަތާއި ޔޫރޮލޮޖީގެ ޚިދުމަތާއި، އީއީޖީގެ ޚިދުމަތުގެ އިތުރުން ނާރުގެ ބަލިތަކަށް ޚާއްސަ ކްލިނިކެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ. އަދި ގްލޮކޯމަރ ފަރުވާގެ ޚިދުމަތްވެސް ފަށާފައިވެއެވެ. މި ޚިދުމަތްތަކާއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބޭނެއެވެ.