ޚަބަރު

އިޓަލީގައި ލޮކްޑައުން ލުއިކޮށް، ދަތުރުފަތުރުކުރުމުގެ ހުއްދަ ދެނީ


ފުރަބަންދުގެ ފިޔަވަޅުތައް ލުއިކޮށް، ޖޫން މަހު ދަތުރުފަތުރު ކުރުމުގެ ހުއްދަ ދިނުމަށް އިޓަލީ ސަރުކާރުން ނިންމައިފިއެވެ.

އިޓަލީގެ ބޮޑުވަޒީ ގުސިއްޕެ ކޮންޓެ ސޮއިކުރެއްވި ޤަރާރުގެ ދަށުން އިޓަލީ ރައްޔިތުންނަށް ޤައުުމުގެ އެތެރޭގެ އެހެން ސަރަހައްދުތަކަށާއި ޤައުމުން ބޭރަށް ދަތުރުކުރުމަށް ހުއްދަ ޖޫން 3 ވަނަ ދުވަހުން ފެށިގެން ލިބޭނެއެވެ. މިހާރު އިޓަލީގެ އެތެރެއާއި ބޭރަށް ކުރާ ދަތުރުރައް އެހެން ޤައުމުތަކެކޭ އެއްފަދައިން ހުއްޓާލާފައެވެ.

އިޓަލީގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ފެބްރުއަރީ މަހުން ފެށިގެން ދެމަސް ދުވަސް ވަންދެން ވަނީ ފުރަބަންދު ތަންފީޒުކޮށްފައިވެއެވެ. މިއީ ޔޫރަޕްގައިވެސް މިހާރު ހަރުކަށިކޮށް ފުރަބަންދާއި ކާފިއު އިލާންކުރި އެއް ޤައުމެވެ. ނަމަވެސް އެޅުނު ފިޔަވަޅުތަކަށްފަހު ކޯވިޑް-19 ކޭސްތައް މަދުވާން ފެށުމުން އިޓަލީން ވަނީ މިމަހު ކުރީކޮޅު ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރަން ފަށާފައެވެ. އެގޮތުން މޭމަހުގެ 4 ގައި ވަނީ ފެކްޓްރީތަކާއި ޕާކްތައް އަލުން ހުޅުވުމަށް ހުއްދަ ދީފައެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު އިޖްތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތަކާއެކު ރެސްޓޯރެންޓު، ކެފޭ، ފިހާރަތަކާއި ދީނީ އަޅުކަން އަދާކުރާ ތަންތަން އަލުން އާންމުންނަށް ހުޅުވުމަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހުއްދަދީފައެވެ. ނަމަވެސް މިތަންތަނުން ހިދުމަތްދޭ ފަށާއިރު އިޖްތިމާއީ ގައިދުރުކަން ކަށަވަރުކުރުމަށް އެކި ފިޔަވަޅުއަޅާ، ތޮށްޖެހުން ކުޑަކޮށް، މާސްކު އެޅުމާއި އަންގި ލެއްވުމަށް ސަމާލުވުމަށް އިޓަލީ ސަރުކާރުން ވަނީ އަންގާފައެވެ.

ޤައުމުގައި ކޯވިޑް-19ގެ ހާަލަތު ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވި ޑޮމެސްޓިކް ދަތުރުފަތުރާއި ބައިނަލްއަޤްވާމީ ދަތުރުފަތުރު އަލުން ހުޅުވާލަން ނިންމާފައި މިވަނީ ޖޫން 3 ގައެވެ. ފުރަބަންދުގެ ފިޔަވަޅުތަކަށް ލުޔެއް ލިބުމުން އިޓަލީ ފަތުރުވެރިން ވީހާވެސް އަވަހަކަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން ޝައުގުވެރިވާ ކަމަށް އިޓަލީގެ ޓްރެވަލް އެޖެންޓުން ވަނީ ބުނެފައެވެ، އިޓަލީ އޭޖެންޓުން މިހެން ބުނެފައިވަނީ އީޒީ މާކެޓް ޓްރެވަލް ސޮލިއުޝަންގެ ފަރާތުން "ވެބިނާ ރިވޮލިއުޝަން މޯލްޑިވް" ގެ ނަމުގައި ގާތްގަނޑަކަށް 100 އެއްހާ ޓްރެވަލް އެޖެންޓުން ބައިވެރިވި ވެބިނާ ސެޝަނެއްގެ ތެރެއިންނެވެ.

ކޯވިޑް-19 ގެ ސަބަބުން ލިބެމުންދާ އިޤްތިސާދީ ގެއްލުންތަކުން ޤައުމުގެ ވިޔަފާރިތަކާއި އާއިލާތައް ސަލާމަތްކުރުމަށްވެސް އިޓަލީ ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން އެޅި އެއްފިޔަވަޅެއްގެ ގޮތުން 59 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް އިޓަލީ ސަރުކާރުން ވަނީ މިހަފްތާ ކުރީކޮޅު ފާސްކޮށްފައެވެ.

އިޓަލީއަކީ ޗައިނާއިން ބޭރުން އެންމެ ފުރަތަމަ ގިނަ އަދަދަކަށް ކޯވިޑް-19 ކޭސްތައް ފެނުނު އެއް ޤައުމެވެ. އިޓަލީގައި ކޯވިޑް-19ގެ ސަބަބުން މަރުވި މީހުންގެ އަދަދު 31 ހާސް ހަ ސަތޭކައަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ އެންމެ ގިނައިން މީހުން މަރުވި އިނގިރޭސިވިލާތާއި އެމެރިކާއަށްފަހު މިބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ އެއް ޤައުމެވެ.