ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ތައިލެންޑް އަލުން ހުޅުވާލަނީ


ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިކަމަށް ތައިލެންޑް ހުޅުވާލުމުގެ މަސައްކަތް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

ތައިލޭންޑަކީ ޗަިއނާއިން ބޭރުން ކޯވިޑް-19 ފެނުނު ފުރަތަމަ ޤައުމެވެ. ކޯވިޑް-19ގެ ސަބަބުން އެޤައުމުގެ ފަތުރުވެރިކަން މުޅިން ހުއްޓުމަކަށް އައެވެ. ނަމަވެސް ތައިލޭންޑުގެ ފަތުރުވެރިކަމާބެހޭ ރަސްމީ އިދާރާތަކާއި ސިނާއަތުގެ ހިދުމަތްދޭ ހޮޓާ، ރެސްޓޯރެންޓުތަކުން ދަނީ އަލުން ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ފަތުރުވެރިކަން ފެށުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ތައިލޭންޑުގެ ހޮޓާތަކާއި ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކުން ބުނީ އަލުން ފަތުރުވެރިކަމަށް މުޅި ޤައުމު ހުޅުވާލާއިރު ހިދުމަތް ދިނުމުގައި ގިނަ ބަދަލުތަކެއް ފެންނާނެކަމަށެވެ. މިގޮތުން ތައިލޭންޑުގައި އަލުން ފަތުރުވެރިކަން ފެށުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެނެވެ. އެއީ ޑޮމެސްޓިކް، ރީޖަނަލް އަދި އިންޓަރނޭޝަނަލްއެވެ.

ފުރަތަމަ ބައިގެ ގޮތުން މަސް ދުވަހަށް އެޤައުމުގައި ފުރަބަންދުގެ ފިޔަވަޅުތައް އަޅާފައި އޮތުމަށްފަހު މަޑުމަޑުން މިހާރު މިފިޔަވަޅުތައް ދަނީ ލުއިކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރު ރެސްޓޯރެންޓު އަދި އެހެނިހެން އާންމު ތަންތަން ހުޅުވުމަށް ހުއްދަ ވަނީ ދީފައެވެ. ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ހޯދާ ފަރާތްތަކުގެ ހުން ހުރިތޯ ބެލުމާއި، އަތް ދޮވެ، ސެނަޓައިޒްކުރުމުގެ ހިދުމަތް ފޯރުކޮށްދީ، މާސްކު ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ. ހިދުމަތްދޭ ތަންތަނުގެ ސްޓާފުންވެސް މާސްކު އަޅާ، އަންގިލައްވާ އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައެވެ.

ދެވަނަ ބައިގެ ދަށުން ކައިރި ޤައުމުތަކުން ފަތުރުވެރިން އައުމަށް ފުރުސަތު ދިނުމަށް ތައިލޭންޑުން ދަނީ މަސައްކަތްކުރަމުންނެވެ. ކޯވިޑް-19 ކަންކަން ރަނގަޅަށް ދާނަމަ މިމަހުގެ 31 ގައި ބައިނަލްއަޤްވާމި ފްލައިޓްތައް ފަށާނެއެވެ. ތައިލެންޑުގެ ފަތުރުވެރިކަން ހުޅުވުމުގެ ތިން ވަަަނަ ފޭސްގެ ދަށުން ދުރު ޤައުމުތަކުން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފެށުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޔޫރަޕް، އެމެރިކާ ފަދަ ސަރަހައްދުތަކުން ފަތުރުވެރިން ގެންނަން ފެށޭނީ މިއަހަރު ނިމޭ ހިސާބުގައިކަމަށް ތައިލޭންޑުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޯވިޑް-19 އަށް ފަހު ތައިލޭންޑުގައި ހިދުމަތްދޭ ތަންތަނުގެ ހިންގުމުގައިވެސް ގިނަ ބަދަލުތަކެއް ފެނިގެން ދާނެއެވެ. އެއަރޕޯޓުން ގެސްޓުން ނަގަންދާ ވެހިކަލްތަކުން ފެށިގެން ހިދުމަތްދޭ ހުރިހާ ތަނެއްހެން ޑިސްއިންފެކްޓްކުރުމުގެ ކަންތައްތައް ތާވަލެއްގެ މަތިން އަބަދުވެސް ކުރަމުންދާނެއެވެ.

ސްޓާފުންނާއި ގެސްޓުން މުއާމަލާތްކުރާ މިންވަރު މަދުކުރުމަށް ފުޅާދާއިރާއެއްގައި ޓެކްނޮލޮޖީ ބޭނުންކުރާނެއެވެ. ހޮޓެލްތަކުގައި އޮޓޮމެޓިކް ޗެކްއިން އަދި ޗެކްއައުޓް ތައަރަފްކުރާނެއެވެ. އެލެވޭޓަރާ، ރޫމްތަކަށް ވަންނަ ދޮރު، އަތް ދޮންނަ އިސްކުރު، ޑަސްބިން ފަދަ ތަކެތި ޓަޗް ފްރީ ޓެކްނޮލޮޖީ ބޭނުންކުރާ ތަކެއްޗަށް ހެދުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ރެސްޓޯރެންޓުތަކުގައި ބުފޭ ސްޓައިލަށް ކެއުން ފޯރުކޮށްދިނުމުގެ ބަދަލުގައި މޭޒުތަކުގައި ފޯރުކޮށްދޭން ފަށާނެއެވެ.

ތައިލޭންޑުގައި ފުޅާ ދާއިރާއެއްގައި ހޮޓެލް ހިންގާ ދުސިތް އަދި އަނަންތަރާ ކަހަލަ ހޮޓެލް ޗެއިންތަކުން ދަނީ އަލުން ފަތުުރުވެރިންނަށް މަރުހަބާ ކިޔަން ފަށާއިރު ކޮންމެ ގެސްޓަކަށްވެސް ހިލޭ ސެނަޓައިޒާ، މާސްކު އަދި އަންގި ޕެކޭޖެއް ފޯރުކޮށްދޭންވެސް ތައްޔާރުވަމުންނެވެ.

އަނެއްކޮޅުން ކުރިއާ ހިލާފަށް ފަތުރުރުވެރިން އެކިއެކި ތަންތަނަށް ގެންދާ ޕެކޭޖުތައް އުވާލާ، ވީހާވެސް ފަތުރުވެރިންގެ މޫވްމަންޓު މަދުކުރާނެއެވެ. ޕްރައިވެޓް ވިލާތައް އިތުރު ކުރަން ދަނީ ތައްޔާރުވަމުންނެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ އިސްކަމެއްދޭނީ ހިދުމަތްދޭ ތަންތަން ސެނަޓައިޒްކޮށް ސާފުކުރުމަށެވެ.

މިދިޔަ އަހަރު 39 މިލިއަން ފަތުރުވެރިން ތައިލޭންޑަށް ޒިޔާރަތްކުރިއިރު، މިއަހަރު ނިމޭއިރު އަންނާނެކަމަށް ލަފާކުރެވެނީ 16 މިލިއަން ފަތުރުވެރިންނެވެ. އަދި މިއަދަދު 10 މިލިއަނަށް ދަށަށް ގޮސްދާނެކަމަށްވެސް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.