ވިޔަފާރި

ކުރިއަށް އޮތް 2 ހަފްތާވެސް މީރާ ބަންދުވާނެ


ކުރިއަށް އޮތް ދެހަފްތާވެސް މީރާ ބަންދުވާނެ ކަމަށާއި ޓެކްސް ދެއްކުމުގެ ސުންގަޑި ހަމަވާ ޓެކްސްތަކުގެ ސުންގަޑިތަކަށް ބަދަލު ގެންނާނެ ކަމަށް މީރާއިން ހާމަކޮށްފިއެވެ.

މީރާއިން ބުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފައިވާތީ، މި މުއްދަތުގައި މީރާވެސް ހުޅުވުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އަދި އެ އޮތޯރިޓީ ހުޅުވާނެ ތާރީހެއް ފަހުން އިޢުލާނު ކުރާނެކަމަށް މީރާއިން ވިދާޅުވެއެވެ.

މިދިޔަ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުން ފެށިގެން މީރާ ހުޅުވާފައި ނުވާތީއާއި މި މުއްދަތުގައި ގިނަ ސުންގަޑިތަކެއް އައިސްފައިވާތީ، އެކަމަށް އިންތިޒާމްތަކެއް ހަމަޖައްސާނެކަމަށެވެ. އަދި މިކަމާގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެކަމަށްވެސް މީރާއިން ވިދާޅުވެއެވެ. މީރާއިން ބުނީ ގުޅައިގެން ޚިދުމަތް ނުދެވުނު ކަމުގައިވިޔަސް، މީރާގެ ގިނަ ޚިދުމަތްތައް އޮންލައިންކޮން މެދުކެނޑުމެއްނެތި ލިބެމުންދާނެކަމަށެވެ. އަދި އޮންލައިންކޮށް ލިބެންހުރި ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށްވެސް މީރާއިން އިލްތިމާސްކުރެއެވެ.