ރިޕޯޓް

ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރު އާއްމު ހާލަތަށް ރުޖޫއަވާނީ 2023ގައި - އަޔާޓާ


ކޯވިޑް-19ގެ ސަބަބުން ހުއްޓިފައިވާ ބައިނަލްއަޤްވަމީ ވައިގެ ދަތުުރުފަތުރުގެ ސިނާއަތް އާންމު ހާލަތައް ރުޖޫއަވާނީ 2023 ވަނަ އަހަރާ ހަމައަށްދާއިރުކަމަށް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާއިން ބުނެފިއެވެ.

ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤްވާމީ އެސޯސިއޭޝަން އަޔާޓިން ބުނީ ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ ބޯޑަރު ބަންދުކޮށް، ވައިގެ ދަތުރުފަތުރު އެކުގައި ހުއްޓާލުމަށްފަހު، މިދާއިރާ އަލުން ހުޅުވުމަށް މިހާރު މަސައްކަތް ފަށާފައިވާކަމުގެ ފެހި ސިގްނަލްތައް ލިބެމުންދާކަމަށެވެ.

އަޔާޓާއިން ބުނީ އައު އުސޫލުތަކާއި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިގެން ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ވައިގެ ދަތުރުފަތުގެ ތެރެއިން ޑޮމެސްޓިކް އޮޕަރޭޝަންތައް މިއަހަރު ފަހުކޮޅު ފަށާނެކަމަށް އުންމީދު އާވެފައިވާކަމަށެވެ. ނަމަވެސް 2019 ވަނަ އަހަރާއި ހަަމަޔަށް އައިއިރު ވައިގެ ދަތުރުފަތުރުތައް ކުރަމުންދިޔަ މިންވަރަށް ހިދުމަތައް ދިނުމަށް ގިނަ ދުވަސް ނަގާނެކަމަށެވެ.

އަޔާޓާއިން ބުނީ މަޑުމަޑުން ވައިގެ ދަތުރުފަތުރުގެ ނިޒާމު އަލުން ފެށިޔަސް، ބައިނަލްއަޤްވާމީ އުދުހުންތައް ކޯވިޑް-19ގެ ކުރިން އޮތް އާންމު ހާލަތައް ރުޖޫއަކުރެވޭނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރާ ހަމައަށްދާއިރުކަމަށެވެ، ނަމަވެސް މިއަންނަ އަހަރާއި ހަމަޔަށްދާއިރު ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ތެރެއިން ރަސްމީ ކަންކަމާއި، ޒަރޫރީ ބޭނުމުގައި ދަތުރުކުރުން ފެށިގެން ދާނެކަމަށްވެސް އަޔާޓާއިން ބުނެއެވެ.

އަޔާޓާއިން ބުނީ ވައިގެ ދަތުރުފަތުރު ފެށުމުގައި ދެން އަޅަން ޖެހޭނެ ގިނަ ފިޔަވަޅުތަކާއި އުސޫލުތަކުގެ ސަބަބުން މިސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ކުރާނެކަމަށެވެ. އަދި ކޯވިޑް-19ގެ ދެވަނަ ބާނިއަކާއި ދުނިޔެ ކުރިމަތިލައިފިނަމަ، ނުވަަތަ ޤައުމުތަކުގެ ފުރަބަންދުގެ ހާލަތު މާބޮޑަށް ދިގުލައިގެން ގޮސްފިނަމަވެސް އޭވިއޭޝަން ސިނާއަތް އާންްމު ހާލަތަށް ގެންނަން ކުރާ މަސައްކަތް 2024 ވަނަ އަހަރާއި ހަމަޔަށް ދިގުލައިގެން ދާނެކަމަށްވެސް އަޔާޓާއިން ބުނެއެވެ.

އަޔާޓާގެ ޗީފް އިކޮނޮމިސްޓް ބްރަޔަން ޕިއާސް ބުނިގޮތުގައި ކޯވިޑް-19 ގެ ސަބަބުން އޭވިއޭޝަން ސިނާއަތަށް ކުރި އަސަރުތައް 2019 ހަމަޔަށް އައިއިރު މިދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކުގެ މިންވަރަށް އަލުން ރުޖޫއަކުރުމަށް އެތަށް އަހަރެއް ނަގާނެކަމަށެވެ. ނަމަވެސް މިހާރު މަޑުމަޑުން ބައެއް ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާ، އާންމު ހާލަަތަށް ގެންނަަން ކުރާ މަސައްކަތްތަކަކީ އޭވިއޭޝަން ސިނާއަތަށް ފެހި ސިގްނަލެއްކަމަށެވެ. އޭނާ ވިދާޅުވީ ޖޫން 1 ގައި ގްރީސް އިން ފަތުރުވެރިންނަށް އަލުން މަރުހަބާ ކިޔަން ފެށުމާއި، އެމިރޭޓްސްއިން މިއަންނަ ހަފްތާގައި 9 މަންޒިލަކަށް ދަތުރުފަތުރު ފަށަން އުޅޭ ހަބަރުގެ އިތުރުން، ރަޔަން އެއަރއިން ޖުލައި 1 ގައި ދަތުރުތައް ފަށާނެކަމަށް ބުނެފައިވާ ބުނުމަކީ މިސިނާއަތައް ރަގަނޅު ހަބަރުތަކެއްކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ގިނަ ސިނާއަތްތައް ހުއްޓުމަކަށް އައިސްފައިވާއިރު، މީގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ސިނާއަތަކީ ވައިގެ ދަތުރުފަތުރުގެ ސިނާއަތެވެ. ބަލި ކޮންޓްރޯލްކުރުމަށް ޤައުުމުތަކުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ދުނިޔޭގެ ވައިގެ ދަތުރުފަތުރުތައް ހުއްޓާލުމާއި ގުޅިގެން މި ދާއިރާއަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުންވެ، އެތައް ހާސް ބައެއްގެ ވަޒީފާތައް ގެއްލި، އެއަރލައިންތައް ދަނީ ބަނގުރޫޓުވަމުންނެވެ.