ވިޔަފާރި

މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި


މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން އިކޮނޮމިކް މިނިސްޓްރީން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވެފައި ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޟަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް އިތުރަށް ހުއްދަ ދޫކުރުން، މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް، ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް، މި މުއްދަތުގެ ތެރޭގައި މާލޭ ޕޯޓުގައި، މުދާ ކްލިއަރކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ކަނޑައަޅާ ފަރާތްތަކަށް ހުއްދަ ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކުރިޔަށް އޮތް ދެ ހަފްތާއަކީ ކޯވިޑްގެ ނުރައްކާ ރާއްޖެއަށް ބޮޑުވާނެ ދެ ހަފްތާކަމަށް ސިއްހީ މާހިރުންވަނީ ލަފާކޮށްފައެވެ. އެހެންކަމުން ސަރުކާރުން އަންނަނީ ބައެއް ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

އެގޮތުން އާދީއްތަ ދުވަހުން ފެށިގެން މާލޭގެ ގޭބިސީތަކުގައި އުޅޭ މީހުންނަށް ބާޒާރަށް ނުކުމެވޭނީ ހަފްތާއަކު އެއް ފަހަރުކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ. އެ އިދާރާއިން ވިދާޅުވީ ބާޒާރުކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް އާދީއްތަ ދުވަހުން ފެށިގެން ބަދަލު ގެންނަން ނިންމަވާފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މި ބަދަލު ގެނައި ނަމަވެސް އަލުން ރަޖިސްޓްރީކުރަން ނުޖެހޭނެކަމަށެވެ. ކޮންމެ ގޭބިސީއަކުންވެސް ހުއްދަ ދީފައިވާ ފަރާތްތައް ކަނޑައެޅިފައިވާ ގަޑިތައް އެނގޭ ގޮތަށް އާ މެސެޖެއް ލިބިގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.