ޚަބަރު

ފަތިހު އެރި ބާރުގަދަ ކޮޅިގަނޑެއްގައި ބިލެތްފައްސަށް ގެއްލުންތަކެެއް


މިއަދު ފަތިހު އެރި ބާރުގަދަ ކޮޅިގަނޑެއްގައި ށ. އަތޮޅު ބިލެތްފައްސަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ބިލެތްފަހީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒިޔާދު ވިދާޅުވީ ފަތިހު އައި ކޮޅިގަނޑުގައި ގެއެއްގެ ބަދިގޭގެ ފުރާޅު އެއްލާލާ ބައެއް ގަސްތައް ވެއްޓި އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ. މިގޮތުން 2 ބަނބުކެޔޮ ގަސް މުލުން ލުހިގެން ވެއްޓި އެކި ސަރަހައްދުތަކުގައި ހުރި ފަތްކޭލާއި ފަޅޯ ގަސްތަކަށް ގެއްލުން ލިބިފައިވާކަމަށްވެސް ކައުންސިލަރ އަބްދުﷲ ޒިޔާދު ވިދާޅުވިއެވެ. އެހެންނަމަވެސް މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ބިލެތްފަހީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ ފަތިހު ވެހެން ފެށި ވާރޭ އަދިވެސް ހުއްޓަނުލާކަމަށާއި ބޯވާރޭ އާއި އެކު ވައިވެސް ގަދަކަމަށެވެ.

ށ.އަތޮޅުން މ. އަތޮޅަށް މިއަދު ހެނދުނު 11 އިން ހަވީރު 3 ޖެހުމާ ހަމަޔަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާޜޭވެހުމާއެކު ގުގުރާ ވަގުތުތަކުގައި ގަޑިއަކު 28 މޭލައި 35 މޭލަށް ވައިޖެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހި ބައެއް ރަށްތަކުގައި ފެންބޮޑުވެ ބައެއް ގެއްލުންތައް އަންނަނީ ވަމުންނެވެ. މި ގޮތުން އިއްޔެ އައްޑޫސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ސަތޭކަ ފަންސާހަށްވުރެ ގިނަ ގެޔަށް ގެއްލުންވެފައިވާކަމަށް ސިޓީން ކައުންސިލުން ބުނެއެވެ. އަދި ރޭ މާލެއަށް ކުރި ވިއްސާރާގައި މާލޭގެ ބައެއް މަގުތަކުގައި ހުރި ގަސްތައް ވެއްޓި ބައެއް ގެއްލުންތައް ވަނީ ލިބިފައެވެ.