ޚަބަރު

ފެންބޮޑުވެ އައްޑޫސިޓީގެ ސަތޭކަ ފަންސާހަށްވުރެ ގިނަ ގެއަށް ގެއްލުންވެއްޖެ


އައްޑޫ އަށް ކުރި ވިއްސާރައިގައި އެ ސިޓީގެ 150 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ އެކިވަރުގެ ގެއްލުން ވެއްޖެއެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، އައްޑޫސިޓީ އަށް ބުރާސްފަތި ބުދަ ދުވަހުގެ ހަވީރުން ފެށިގެން ކުރި ވިއްސާރައިގައި އެކި އަވަށްތަކުގައި ފެންބޮޑުވެ ގިނަ ގޭގެއަށް އަސަރު ކޮށްފައިވާ ކަމަށެވެ. މި ވިއްސާރައިފައި އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ފޭދޫ އަށެވެ.
އެގޮތުން ފޭދޫގެ 93 ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ވެފައިވާއިރު، މަރަދޫ-ފޭދޫ 19 ގެއަކަށް ވަނީ ގެއްލުން ވެފައެއެވެ. އަދި މަރަދޫ 11 ގެއަކަށް ފެންވަދެގެން ރިޕޯޓު ކޮށްފައިވާ އިރު، ހިތަދޫގެ 28 ގެއަކުން ފެންވަދެގެން ވަނީ ރިޕޯޓު ކޮށްފައެވެ.

ވިއްސާރަ އާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތުގައި އައްޑޫސިޓީ ކައުންސިލާއި، ފުލުހުންނާއި ސިފައިވަނީ ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ގޭގެއަށް އިތުރަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސަލާމަތީ ބާރުތަކާއި ބައެއް އާންމުން ގުޅިގެން ވަނީ ކޮށްފައެވެ.

ޕީއެސްއެމް ނިއުސްއިންޯކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ގެނެސްދެމުންދާ ލައިވް ކަވަރޭޖްގައި، މި ވިއްސާރައިގައި އައްޑޫސިޓީއަށް ލިބުނު ގެއްލުން ތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވީ، އައްޑޫ ވިއްސާރަ އާއި ގުޅިގެން އެންމެ ބޮޑަށް އަސަރު ކުރީ ފޭދޫ އަށް ކަމަށެވެ. އެގޮތުން އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވެ ބައެއް ގެތަކުން އިއްޔެ މެންދުރު ފަހު ކަރަންޓު ދިއުމާއި ގުޅިގެން ފޭދޫގެ 400 މީހަކަށް ރޯދަ ވީއްލޭނެ އިންތިޒާމް ސިޓީ ކައުންސިލުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.