ވިޔަފާރި

ކޯވިޑް-19: ލޮކްޑައުން ލުއިކުރުމުން ބާރުބޮޑުވީ ސެލޫންތަކަށް


ކޯވިޑް-19 ފެތުރޭ މިންވަރު މަދުކުރުމަށް ނިއުޒިލޭންޑުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާއިރު، ވިޔަފާރިތައް ދަނީ ހުޅުވާ ޚިދުމަތްދޭން ފަށަމުންނެވެ. މިއާއެކު އެންމެ ބާރުބޮޑުވެފައިވަނީ ބޯކޮށާ ތަންތަނަށެވެ. އެގޮތުން ބޯކޮށާ ސެލޫންތަކުގެ ބޭރުގައި މީހުން ވަނީ ކިއު ހަދާފައެވެ.

ނިއުޒިލޭންޑުގައި ކޯވިޑް-19ގެ އާ ކޭސްއެއް ނުފެންނަތާ މިހާރުވަނީ 3 ދުވަސްވެފައެވެ. މިއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުއަޅާ މިންގަނޑުވަނީ 'ލެވަލް 2' އަށް ތިރިކޮށްފައެވެ. މިއާއެކު އެޤައުމުގެ ޕާކުތަކާއި، ކެފޭތައް އަދި ފިހާރަތައްވަނީ ހުޅުވަން ފަށާފައެވެ.

އާއްމުންނަށް ރައްޓެހިންނާއި ބައްދަލުކޮށްލާ، އާއިލާ މީހުންނާ ދިމާވުމުގެ ހުއްދަވެސް ވަނީ ދީފައެވެ. މިފަދަ އެއްވުންތަކުގައި ގިނަވެގެން ތިބެންވާނީ 10 މީހުންނެވެ.

ނިއުޒިލޭންޑުގެ އާބާދީއަކީ 5 މިލިއަންއެވެ. އެޤައުމުން މިހާތަނަށް ފެނިފައިވަނީ 1،497 ކޯވިޑް-19 ކޭސްއެވެ. މިބަލީގައި 21 މީހެއް މަރުވެފައިވާއިރު، މިހާރުވެސް 90 އަށްވުރެ މަދު އަދަދެއްގެ ބަޔަކުދަނީ ބޭސްކުރަމުންނެވެ.

ނިއުޒިލޭންޑުގެ ވިޔަފާރިތައް ހުޅުވާލި ނަމަވެސް، ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ސަރުކާރުން އިލްތިމާސްކުރެއެވެ. މިއީ ދެވަނަ ފަހަރަށް ކޯވިޑް ފެތުރުމާއެކު އިތުރު ކޭސްތަކެއް ފެނުމުގެ ފުރުސަތު އޮތުމުންނެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ނިއުޒިލޭންޑުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުގެ ސަރުކާރަށް ދަނީ ތައުރީފްތައް އޮހެމުންނެވެ. މާރޗުމަހުގެ މެދުތެރެއިން ފެށިގެން ނިއުޒިލޭންޑުގައި ވަނީ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ.