ޚަބަރު

އެސްޓީއޯއިން އައްޑޫއަށް 5000 ބަސްތާގެ ކާޑުގެ ބާވަތްތައް ފޮނުވައިފި


އެސްޓީއޯއިން އައްޑޫ ސިޓީއަށް 5000 ބަސްތަގެ ކާޑުގެ ބާވަތްތައް ފޮނުވައިފިއެވެ.

ކަނޑުމަގުން ފޮނުވި މިތަކެތި ގެންދިޔައީ އެމްވީ ތޫރި ބޯޓު މެދުވެރިކޮށްކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދަށް ދިއުމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކާޑުގެ ބާވަތްތަކާއި، ޒަރޫރީ އެހެން ސާމާނު، އަދި ބޭސް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

ރޯދަމަސް އައުމުން ކާޑުގެ ޑިމާންޑު އަތޮޅުތަކުގައި ބޮޑުވެފައިވި ނަމަވެސް ހުއްޓުމެއް ނެތި އަތޮޅު ތެރެއަށް ތަކެތި ފޯރުކޮށްދެމުން ދާނެކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައެވެ. އަދި އަތޮޅުތަކަށް ކާޑުގެ ބާވަތްތައް ފޮނުވުމުގައި އެސްޓީއޯގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މާލެ އާއި އަތޮޅު ތެރެއިން eSTOre.mv މެދުވެރިކޮށް ކާޑުގެ ބާވަތްތައް އޯޑަރުކުރެވޭނެއެވެ.

އަނެއްކޮޅުން ޑިމާންޑާއި އެއްވަރަށް ކާޑުގެ ބާވަތްތަކުގެ ސްޓޮކް އެބަހުރިކަމަށާ، ކާޑުގެ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަމުގެ ޔަޤީންކަން އެސްޓީއޯއިން ވަނީ ދީފައެވެ. ރަމަޟާންމަހު ކާޑުގެ ބާވަތްތަކަށް ޑިމާންޑު އިތުރުވެގެންދާނެ މިންވަރަށް އެސްޓީއޯ ތައްޔާރުވެފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.