ވިޔަފާރި

މިއަދު އެކަނިވެސް 132 ކޮންޓެއިނަރގެ މުދާ ކުލިއަރކޮށްފި


މިއަދު އެކަނިވެސް 132 ކޮންޓެއިނަރގެ މުދާ ކުލިއަރކޮށްފައިވާކަމަށް އެމްޕީއެލުން ބުނެފިއެވެ.

ބާޒާރުން ތަކެތި ހުސްވިޔަ ނުދީ ރައްޔިތުންނަށް ބޭނުންވާ މުދާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެމްޕީއެލް އަދި ކަސްޓަމްސްގެ މުވައްޒަފުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެމްޕީއެލުން ދަނީ ކޮންމެ ދުވަހަކު އެކުންފުނީގެ މާލެ އަދި ހުޅުވާލެ ޕޯޓުން ކުލިއަރކުރާ ކޮންޓެރިނަރތަކުގެ ތަފާސް ހިސާބުތައް އާއްމުކުރަމުންނެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް ކުލިއާކުރާ މުދަލުގެ ތެރޭގައި އާއްމުގޮތެއްގައި ހިމެނެނީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކެވެ.

މިއަދު ކުލިއާ ކޮށްފައިވާ 132 ކޮންޓެއިނަރގައިވެސް މައިގަނޑުގޮތެއްގައި ހިމެނެނީ ފިޔާ، ބިސް އަދި ކެބެޖެވެ.
އެގޮތުން 887 ބިސް ކޭސް، 300 ބަސްތާ އަލުވި، 440 ބަސްތާ ކަރާ، 1758 ބަސްތާ ފިޔާ އަދި 780 ބަސްތާ ކެބެޖު ހިމެނެއެވެ.

މާލެ ސިޓީ ލޮކްޑައުންއަކަށް ގޮސްފައިވާއިރު، އެމްޕީއެލްގެ މުޢައްޒަފުން ދަނީ ޕޯޓުގެ މަސައްކަތްތައް ހުއްޓުމަށް ނުގެނެސް ކުރިއަށްދެވޭނެހެން މަސައްކަތްތައް ހަމަޖައްސަމުންނެވެ.

މި ޙާލަތުގައި އެމްޕީއެލްގެ 160 މުޢައްޒަފުން ތިބީ މުދާ ބާލާ ކްލިއަރކުރުމުގެ ޚިދުމަތް ދިނުމަށް ޕޯޓުގައި ލޮކްޑައުންވެގެންނެވެ.

އެމްޕީއެލްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސްއިން ދަނީ ރާއްޖެއަށް އެތެރެކުރާ މުދާތައް ކުލިއަރކުރުމަށް ފުރިހަމަކުރަންޖެހޭ އިންސްޕެކްޝަންގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި ސިއްޙީ ސާމާނު ކުލިއަރެންސް ދިނުމުގައި އިސްކަންދޭކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

ބާޒާރުން ތަކެތި ހުސްނުވެ ލިބެން މި ހުންނަނީ މި ވުޒާރާތަކުގެ މުވައްޒަފުން ކުރަމުންމިދާ ބުރަ މަސައްކަތްތަކާއި އެކުއެވެ.