ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ލިބެން ނެތް ބޭސް ހޯދައިދިނުމުގައި ފޮރިން މިނިސްޓްރީން އެހީވަނީ


ރާއްޖެއިން ލިބެން ނެތް ޒަރޫރީ ބޭސް ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. އެ މިނިސްތްރީން ވިދާޅުވީ މިހާތަނަށް އެފަދަ 78 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން މި ސަރަހައްދުގެ ގިނަ ޤައުމުތަކެއް ފުރަބަންދުކޮށްފައި އޮތުމުން ކޮންމެހެން ހޯދަން ޖެހޭ ޒަރޫރީ ބޭސް ހޯދަން ބޭނުންވާ ފަރާތްތަކުން، އެ ބޭސްތައް އިންޑިއާ، ތައިލެންޑް އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކަށް ގެންގޮސްދިނުމުން، އެބޭސްތައް ރައްދުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާއި ކަމާ ބެހޭ އެހެން އިދާރާތަކުން ގުޅިގެން ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއެވެ. ކުރިއަށް އޮތްތަނުގައިވެސް، މި ޤައުމުތަކުގައި ޤާއިމްކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސްތައް ބޭސް ސިޓީތަކާއެކު ގެންގޮސްދިނުމުން، ރާއްޖެ ގެނެސް، ވެރިފަރާތާ ހަވާލުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ބޭސްތައް ގެންނަން ބޭނުންވާ ފަރާތްތަކުން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސްތައް ހަވާލުކުރާއިއިރު، ޕެކިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މިނިސްޓްރީއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެކަކަށް ފޮނުވާ ބޭސް، އެހެން މީހެއްގެ ބޭހާ އެއްކޮށްފައި ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިމަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އާއި، ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންނެވެ.