މުނިފޫހިފިލުވުން

31 އަހަރަށްފަހު ޝާހުރުކު ޚާންގެ "ދޫސްރާ ކޭވަލް" އިންޑިއާގެ ޤައުމީ ޓީވީން ދައްކަނީ


ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ އިންޑިއާއިންވެސް ވަނީ މުޅި ޤައުމު ފުރަބަންދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިއާއެކު ދުނިޔޭގެ ދެވަނައަަށް އެންމެ އާބާދީ ބޮޑު ޤައުމުގައި އެތައްހާސް ބަޔަކު ވަނީ ގެތަކުގައި ބަންދުވާން ޖެހިފައެވެ.

ފުރަބަންދުގެ މުއްދަތުގަައި އާއްމުންގެ ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަކޮށް، އާއްމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން ކުޑަކުރުމަށް އިންޑިއާގެ ޓީވީ ބްރޯޑްކާސްޓަރުންވެސް އަންނަނީ ތަފާތު މަަސައްކަތްތަކެއް ކުރަމުންނެވެ. ގޭގޭގެ ސިޓިން ރޫމްތައް ފަޅުފިލުވަައިދީ، ހުސްވަގުތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ބާރު އެޅުމުގެގޮތުން އިންޑިއާގެ ޤައުމީ ޓީވީ ދޫރްދަރްޝަނުން މިހާރު ވަނީ މީގެ އަހަރުތަކެއް ކުރިން ބެލުންތެރިންގެ މެދުގައި މަޤުބޫލުކަން ހޯދި ޓީވީ ސީރީޒްތައް އަލުން ދައްކަން ފަށާފައެވެ.

އެގޮތުން 80 ގެ އަހަރުތަކާއި، 90 ގެ އަހަރުތަކުގައި އިންޑިއާގެ ޤައުމީ ޓީވީން ދެއްކި ގިނަ ސީރީޒްތަކެއް ދޫރްދަރްޝަންގެ ދަށުން ހިންގާ "ޑީޑީ ރެޓްރޯ" އިން ދަނީ ދައްކަމުންނެވެ. މިއީ ދޫރްދަރްޝަނުގެ ދަަށުން އެންމެ ފަހުން އުފެއްދި ޓީވީ ޗެނަލެވެ. މި ޗެނަލް ޚާއްސަކޮށްފައިވަނީވެސް "ކްލެސިކް ސީރީޒް"ތަކަށެވެ.

"ބޮލީވުޑް ބާދްޝާޙް"ގެ ނަމުން މަޝްހޫރުވެފައިވާ ޝާހުރުކް ޚާންގެ ސަޕޯޓަރުންނާއި ފޭނުންނަށް ދޫރްދަރްޝަނުން މިވަނީ އުފާވެރި ޚަބަރެއް ދާދިފަހުން ދީފައެވެ. "ޑީޑީ ރެޓްރޯ"ގެ ކްލެސިކް ސީރީޒްތަކުގެ ލިސްޓަށް ޝާހުރުކް ހާންގެ "ދޫސްރާ ކޭވަލް" އިތުރުކޮށް، ވަރަަށް އަވަހަށް އޮންއެއަރ ކުރަން ފަށާނެކަން އެ ޗެނަލުން ވަނީ އިޢުލާންކޮށްފައެވެ. މިއީ 1989 ވަނަ އަހަރު ދެއްކި 13 އެޕިސޯޑުގެ ސީރީޒްއެކެވެ.

ޝާހުރުކް އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ކުރީކޮޅު ކުޅުނު މި ސިރީޒްއަކީ އިންޑިއާގެ އަވަށެއްގައި ދިރިއުޅުނު ޒުވާނަކު އޭނާގެ އާއިލާދޫކޮށް، ޝަހަރަކަށް ދިއުމުން ދެން ކުރިމަތިލާން ޖެހުނު ކަންތައްތަކެއް ދައްކުވައިދޭ ހިންދީ ސީރީޒެކެވެ. ސީރީޒްގެ މެއިން ކެރެކްޓަރކަމަށްވާ "ކޭވަލް"ގެ ރޯލު ކުޅެފައިވަނީ ޝާހުރުކްއެވެ.

މި ސީރީޒްގައި ޝާހުރުކް ޚާން އޭނާގެ އާއިލާދޫކޮށް އެހެން ޝަހަރަކަށް ދަނީ ރަނގަޅު މުސްތަޤުބަލެއް ހޯދުމަށް ކިޔެވުމުގެ ބޭނުމުގައެވެ.

ނަމަވެސް އެތަނުން އޭނާއާއި ދިމާވާ އެކުވެރިއަކު ޝާހުރުކްގެ މައްޗަށް ނުފޫޒު ފޯރުވާ، އޭނާ ލައްވާ ޤަވާއިދާ ޚިލާފު ކަންކަން ކުރުވަން މަސައްކަތްކުރެއެވެ. ނަމަވެސް އެކަންކަމުން ސަލާމަތްވާން އުޅުމުގެ ތެރޭގައި ޝާހުރުކްގެ އެކުވެރިޔާ އޭނަ މަރާލަައެވެ.

31 އަހަރަށްފަހު "ދޫސްރާ ކޭވަލް" އަލުން ދައްކާނެކަން ދޫރްދަރްޝަނުން ބުނެފައިވާއިރު، ޝާހުރުކް ޚާންގެ 2 ސީރީޒެއް "ޑީޑީ ރެޓްރޯއިން މިހާރުވެސް އަންނަނީ އޮންއެއަރ ކުރަމުންނެވެ. އެއީ 1988 ވަނަ އަހަރު ނުކުތް ޝާހުރުކްގެ ފުރަތަމަ ޓީވީ ސިރީޒް "ފައުޖީ" އާއި 1989 ވަނަ އަހަރު ނުކުތް "ސާރކަސް"އެވެ.

ބޮޑު ސްކްރީނުން ޝާހުރުކް ޚާންގެ ފިލްމެއް ބަލާލަން ނުލިބުނެއްކަމަކު، ޝާހުރުކްގެ ރަންޒަމާނުގެ ހަނދާންތައް އައުކޮށްލުމުގެ ފުރުޞަތު މިގޮތަށް ލިބިގެންދިއުން ވެގެންދާނީ ހަމަގައިމުވެސް އޭނަގެ ސަޕޯޓަރުންނަށްވެސް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކަށެވެ.