ޚަބަރު

ކޯވިޑް-19: ހިންދީ ޑްރާމާތައް އަލުން ފަށަަނީ، އެކަމަކު ގިނަ ފިޔަޅުތަކަކާއެކު

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މުޅި ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދުތަކަށް މިއިން ޒަމާނަކު ނާރާފަދަ ލޮޅުންތަކެއް އަރާފައިވާއިރު، މި ބަލީގެ އަސަރު އާންމުން އެންމެ ލޯބިކުރާ ފިލްމްތަކާއި ޑްރާމާތަކުގެ ޝޫޓިންގްތަކަށް ވަނީ ކޮށްފައެވެ. އެހެންނަމަވެސް، މިހާރު މިކަމުގައި މި ދޭން މިއުޅެނީ އުފާވެރި ޚަބަރެކެވެ.

ދިވެހިންގެ މެދުގައި ހިންދީ ޑްރާމާ ސީރީސްތަކަކީ މަޤުބޫލު ސީރީސްތައް ކަމުގައިވާއިރު، މި ސީރީސްތަކުގެ އައު އެޕިސޯޑަކަށް ބެލުންތެރިން ދަނީ ކެތްމަދުކަމާއެކު އިންތިޒާރުކުރަމުންނެވެ. އިންޑިއާގެ ޑްރާމާތައް ހިންގުމަށް ހުއްދަދޭ މައި އިދާރާ ފެޑަރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސްއިން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ވަނީ ޑްރާމާތަކުގެ ޝޫޓިން އަންނަ ޖޫންމަހުގެ ފަހުކޮޅު ފެށުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް މި ޝޫޓިންތައް ކުރިއަށް ގެންދެވޭނީ ވަކި ޝަރުތުތަކާއެކުގައެވެ. އެގޮތުން ޖުމުލަ 4 ޝަރުތެއް ޑްރާމާތައް ހިންގާ ފަރާތްތަކަށް ވަނީ ކޮށްފައެވެ.

(1) މާސްކް އެޅުމުގެ ޓްރޭނިންގް ދިނުމާއި، ސެޓްތަކުގައި ސަލާމަތީ މިންގަނޑު ހިފެހެއްޓުން

ފެޑަރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕލޯއީސްއިން ވަނީ އަލުން ޝޫޓިންގްތައް ކުރިއަށްގެންދެވޭނީ މާސްކް އެޅުމާއި ސެނެޓައިޒަރ ބޭނުންކުރުމުގެ ޓްރެއިނިންގް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ތަމްރީންގައި އެކްޓަރުންނާއި، ޕްރޮޑިއުސަރުން ހިމެނޭހެން ސެޓްގައި ހަރަކާތްތެރިވާ އެންމެން ބައިވެރިވާން ޖެހޭނެއެވެ. މީގެ އިތުރުން ކޮންމެ ޑްރާމާ ސެޓެއްގައި ޞިއްޚީ ޙާލަތު ބެލުމަށް ހެލްތު އިންސްޕެކްޓަރެއް ބަހައްޓަން ޖެހޭނެއެވެ. އެގޮތުން ގަޑިންގަޑިއަށް ފިނިހޫނުމިން ބެލޭނެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ.

(2) ސެޓްގައި ހުއްޓާ ކަމެއް ވެއްޖެނަމަ ޚަރަދު ދިނުން

ކޯވިޑް-19ގެ މި ޙާލަތުގައި ބޭރަށް ނިކުމެ މަސައްކަތް ކުރުމަކީ ނުރައްކަލެއްކަމުގައި ވާއިރު، މިކަމުގައި ރިސްކަށް ހުށަހެޅޭ މީހުންގެ ރައްކާތެރިކަމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޝޫޓިން ކުރިއަށް ދަނިކޮށް ބަލި ޖެހިއްޖެނަމަ ފަރުވާ އަވަސް ކުރުމަށް ޝަރުތުކޮށްފައިވާއިރު، މި ބަލީގައި މަރުވެއްޖެނަމަ ކޮމްޕެންސޭޝަންގެ ގޮތުގައި 50 ލައްކަ ރުޕީސް މަރުވި ފަރާތުގެ އާއިލާއަށް ޑްރާމާގެ ޕްރޮޑިއުސަރ ދޭންޖެހޭނެއެވެ.

(3) ސްޓާފުން ނެރޭ ވަރު މަދުކުރި ނަމަވެސް ވަޒީފާއިން މީހުން ކަނޑާނުލުން

ކޯވިޑްގެ ޙާލަތާއި ގުޅިގެން އިޤްތިޞާދީ ކާރިސާއެއް ކުރިމަތިވެފައިވާއިރު، މި ދަނޑިވަޅުގައި އިންޑިއާގައި ގިނަ ބަޔެއްގެ ވަޒީފާ ގެއްލި ދަނީ މަގުމަތިވަމުންނެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށް ފެޑަރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސްއިން ވަނީ އިރުޝާދު ދީފައެވެ. މި ދަނޑިވަޅުގައި އިޖުތިމާޢީ ގައިދުރުކަން ހިފެހެއްޓުމަށް އިރުޝާދުދީފައިވާއިރު މިކަމަށް ސަމާލުވުމަށް ވަނީ ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ. އެގޮތުން ކުރިން ސްޓާފުން ނެރުނު އަދަދުގެ ދެ ބައިކުޅަ އެއް ބައި ނެރުމަށް ވަނީ އިރުޝާދު ދީފައެވެ. އެހެންނަމަވެސް މި ފިޔަވަޅުގެ ސަބަބުން އެއްވެސް ފަރާތެއްގެ ވަޒީފާ ނުގެއްލޭކަން ކަށަވަރު ކުރަންޖެހެއެވެ. އެގޮތުން ޝިފްޓްތަކަށް ބަހާލައިގެން މީހުން ނެރުމަށް ވަނީ އިރުޝާދު ދީފައެވެ.

(4) އަވަސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން

ކޯވިޑް-19 ބައްޔަކީ އިންސާނާގެ ދިފާޢީ ނިޒާމަށް ބޮޑެތި އަސަރުތަކެއް ކުރާ ބައްޔެއްކަމުގައި ވާއިރު، އަވަސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން މުހިންމެވެ. މި ސަބަބައްޓަކައި ޑްރާމާ ޝޫޓިންގެ ބޭރުގައި އެމްބިއުލަންސެއް ބާއްވަން ޖެހެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އިންޑިއާގައި ޝޫޓިންތައް ހުއްޓިފައި އޮންނަތާ މިހާރު 2 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި ޙާލަތާއި ގުޅިގެން ބޮޑެތި ބަޖެޓްތަކާއެކު އުފައްދަމުން ދިޔަ ގިނަ ޑްރާމާތަކެއް ލޮކްޑައުންއަށް ފަހު އެނބުރި ނާންނާނެކަމުގެ ޚަބަރު ވަނީ ލިބިފައެވެ. މިކަމާއި ގިނަ ތަރިން ހިތާމަ ފާޅުކުރިނަމަވެސް، މި ދަނޑިވަޅުގައި ބޮޑެތި ބަޖެޓްގެ ޑްރާމާތައް ކުރިއަށް ނުގެންދެވޭނެކަންވެސް އެ އެކްޓަރުން ޤަބޫލުކުރެއެވެ. އިންޑިއާގައި ޝޫޓިންގްތައް މިހާރު ހުއްޓިފައިވާއިރު ހުރިހާ ޗެނަލްތަކަކުންވެސް މިހާރު ދައްކަމުންދަނީ ކުރީގައި އާންމުންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޑްރާމާތަކުގެ ރީ ޓެލެކާސްޓެވެ.