ތިމާވެށި

ކުނި މެނޭޖްކުރުމާ ގުޅޭ ގޮތުން ބާއްވާ ތްރީއާރް ފޯރަމް ލޯންޗުކޮށްފި


އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ކުނި މެނޭޖްކުރުމާއި ގުޅޭ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ '' ތްރީ އާރް ފޯރަމް '' ލޯންޗުކޮށްފިއެވެ.

މި ފޯރަމް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16އިން 19 ދަރުބާރު ގޭގައެވެ.

ސަރަޙައްދީ ތްރީއާރް ފޯރަމަކީ ޔުނިއިޓެޑް ނޭޝަންސް ސެންޓަރ ފޮރ ރީޖަނަލް ޑިވަލޮޕްމަންޓް އާ ޖަޕާން ސަރުކާރާ އޭޝިއާ ޕެސިފިކް ސަރަޙައްދަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ. މި ފޯރަމް މިއަހަރު ރާއްޖޭގައި ބާއްވަން ހަމަޖައްސަވާ ފޯރަމް ލޯންޗުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، "ތްރީ އާރް" ނުވަތަ ރެޑިއުސް، ރީޔޫސް، ރީސައިކަލް، ދިވެހިންބުނާނަމަ ކުނިމަދުކުރުން، އަލުން ބޭނުންކުރުން އަދި އެހެން އެއްޗަކަށް ބަދަލުކޮށްގެން ބޭނުންކުރުން ކުރުމުގެ މައުޟޫއަށް ޚާއްސަކުރެވޭ ފޯރަމަކީ ކުނި މެނޭޖްކުރުމާއި ގުޅޭ ގޮތުން ސަރަޙައްދީ ފެންވަރުގައި ބާއްވާ ހަވަނަ ބައްދަލުވުން ކަމަށާއި މި ފޯރަމްގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި ފޯރަމްގައި ނުވަ ޕްލެނަރީ ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ތްރީ އާރް ދުވަހުގެ ގޮތުގައި މިމަހުގެ 16 ވަނަ ދުވަސް ފާހަގަކުރުމަށް ކަނޑައަޅާ، އެދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އުފެދޭ ކުނީގެ އަދަދު މަދުކުރުމާއި ކުނީގެ ތެރެއިން ނައްތާލަންޖެހޭ މިންވަރު މަދުކުރުމެވެ. މީގެއިތުރުން މިއުސޫލުތައް ކުރިއަރުވައި ކުނި މެނޭޖްކުރާނެ ތިމާވެއްޓާއި ރަށްޓެހި ގޮތްތައް އާލާކުރުމަށް ރިސޯޓުތަކާއެކު ޑެކްލަރޭޝަނެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުނި ރަނގަޅު ގޮތުގައި މެނޭޖްކުރުމަށް އެހީތެރިވެދިނުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި އެކަމަށް ބާރު އެޅުމުގެ ގޮތުން މިނިސްޓްރީން ފަށާފައިވާ ސާފު ރާއްޖެ ކެމްޕެއިންގައި އަތޮޅުތަކުން ބައިވެރިވާކަމުގެ ބަޔާނުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ތްރީ އާރް ފޯރަމްގެ މީޑިޔާ ޕާރޓްނަރެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިޔާ ހަމަޖައްސާ އެކަމުގެ އެމްއޯޔޫގައި ވަނީ ސޮއިކުރައްވާފައިއެވެ. އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިޔާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، މީޑިޔާ ޕާޓްނަރެއްގެ ގޮތުގައި ހަމައެކަނި އެއްބަސްވުމުގައި ސޮއިކުރީ ނޫން ކަމަށާއި ޕީއެސްއެމްެގެ ރޭޑިއޯ އަދި ޓީވީ ޗެނަލް މެދުވެރިކޮށް ކުނި މެނޭޖްކުރާނެ ގޮތާއި ކުނިމެނޭޖް ނުކުރުމުގެ ސަބަބުން ދިމާވާނެ ގެއްލުންތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ތަފާތު ޕްރޮގްރާމްތައް އުފައްދާ ބެލުންތެރިންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ފޯރަމްގައި 33 ޤައުމަކުން 250އަށްވުރެ ގިނަ މަންދޫބުން ބައިވެރިވަޑައިގަންނަވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެއެވެ.