ޚަބަރު

ދެރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އަޕްގްރޭޑްކުރަނީ


ދެރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް މަރާމާތުކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން ބަޔަކާއި ޙަވާލުކޮށްފިއެވެ.

މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓްގެ ދަށުން ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް އަޕްގްރޭޑުކުރުމަށް ހަމަޖެހިފައި ވަނީ ނ.ހޮޅުދޫ އާއި ރ.މާކުރަތުގައެވެ. އެންވަރަޔަރަމަންޓް މިނިސްޓްރީން މިމަސައްކަތް ޙަވާލުކޮށްފައި ވަނީ ޓީއޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މަސައްކަތް ޙަވާލުކޮށްފައިވަނީ 4 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރުމަށެވެ.

ވޯލްޑް ބޭންކް ގުރޫޕުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން އައިޑާއިން ކުރިއަށްގެންދާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ފަންޑުގެ ދަށުން ނ ހޮޅުދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރ އަޕްގްރޭޑުކުރުމަށް 1.9 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ރ.މާކުރަތުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑުކުރުމުގެ މަސައްކަތްކުރުމަށް 1.4 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ނިންމާފައެވެ.

ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުވަނީ 4 މިލިއަން ރުފިޔާގެ ސްމޯކްލެސް އަދި ޓޮކްސިކް ގޭސް ފްރީ އިންސިނަރޭޓަރެއްވެސް ވަނީ ނ.ހޮޅުދޫއަށް ހަދިޔާކޮށްފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަޙައްލުކުރުމަށް އެކި ޒޯންތަކަށް ބަހާލައިގެން ވޭސްޓް މެނޭޖްކުރާ ޚާއްސަ ސެންޓަރުތަކެއް މީގެކުރިން ވަނީ ތަރައްޤީކުރަން ފަށާފައެވެ. އެގޮތުން އެންމެ ބޮޑު ޚަރަދެއްކޮށްގެން ނ ،ރ، ބ އަދި ޅ އަތޮޅުތަކުގެ ފަސްދޮޅަސް ހާހަށްވުރެ ބޮޑު އާބާދީއަކަށް އަމާޒުކޮށް ރ ވަންދޫގައި ތަރައްޤީކުރި ކުނި މެނޭޖްކުރާ މަރުކަޒުން އެދެވޭ ގޮތެއްގައި ކުނީގެ މައްސަލައަށް ޙައްލެއް ނުލިބޭކަމަށް މިމަސައްކަތް ކުރަމުންގެންދަވާ މޯލްޑިވްސް ކްލީން އެންވަޔަރަމަންޓުން ވަނީ ހާމަކުރައްވާފައިވެއެވެ. އަދި ޖާގަ ކުޑަވުމުގެ ސަބަބުން ދިމާވާ މިމައްސަލަ ޙައްލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރުމަށް 106 މިލިއަން ޑޮލަރު ޚަރަދުކޮށްގެން މަސައްކަތްކުރަމުން އަންނައިރު މި މަޝްރޫޢު ނިމޭއިރު 1.5 މެގަ ވޮޓްގެ ކަރަންޓު ކުނި އަންދައިގެން އުފެއްދޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ކުނީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދަވާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން 15 މަޝްރޫއެއް ހިންގުމަށްވަނީ ނިންމަވާފައެވެ.