ރޯދަ

ރޯދަމަސް އެކި ކަންކޮޅުތަކުން - ވީރާނާވެފައިވާ އަރީހާ އަވަށް


އިރުއޮއްސެން ދިޔައިރު 29 އަހަރުގެ ތާރިޤް އަބޫ ޒިޔާދާއި އޭނާގެ ކުޑަކުޑަ އާއިލާ ދިޔައީ ސީރިޔާގެ ވީރާނާވެފައިވާ އިދްލިބްގެ އަރީހާ އަވަށުގައި ރޯދަ ވީއްލަން ތައްޔާރުވަމުންނެވެ. އެތައް އަހަރެއްކުރިން އުފަލުގައި ރޯދަމަހުގެ ދުވަސްތައް ހޭދަކުރި ގޭގައި ރޯދަ ވީއްލަން ތައްޔާރުވާއިރު، އެތަކެއް ހަދާންތަކަކާ ގުޅިފައިވާ ތާރިޤް އުޅެ ބޮޑުވި ގެ ވަނީ ހަނގުރާމައިގައި ބިމާ ހަމަވެފައެވެ.

މިއަދު އަރިހާ އަވަށް ފެނުމުން ހީވަނީ ވަރުގަދަ ބިން ހެލުމެއްގައި ސުންނާފަތިވެފައި އޮތް އަވަށެއްހެނެވެ. ނަމަވެސް މިއީ ސީރިޔާގެ ދާހިލީ ހަނގުރާމައިގެ ނަތީޖާއެވެ.

"
އަހަރުމެން މިތިބީ ވީރާނާވެފައިވާ ތަނެއްގައި. މިއީ ވަރަށް އުނދަގޫ ދުވަސްތަކެއް. އަހަރެން ނޭދެން އިތުރު ބަޔަކަށް މިފަދަ ހިތްދަތިކަމެއް ކުރިމަތިވާކަމަށް. އެކަމަށް އަހަރެން ﷲއަށް ދުޢާވެސްކުރަން
3 ކުދިންގެ ބައްޕަ ތާރިޤް

ތާރިޤްއާ އޭނާގެ އާއިލާ އަރިހާ އަވަށުން ރެފިއުޖީ ކޭމްޕަކަށް މިދިޔަ އަހަރު ބަދަލުވާން ޖެހުނީ، އޭރު ހަނގުރާމަވެރިންގެ ކޮންޓްރޯލްގައި ހަމައެކަނި އޮތް އަރީހާ ހިމެނޭ އިދްލިބަށް ސީރީޔާ ސިފައިންނާއި ރަޝިޔާ ސިފައިން ހަމަލާދޭން ފެށުމުންނެވެ. ތާރިޤްއާއި އޭނާގެ އާއިލާއާއެކު ގާތްގަނޑަކަށް މިލިއަނެއްހާ މީހުން އަރީހާ އަވަށް ދޫކޮށް އެހެން ތަންތަނަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރިއެވެ.

ހަމަލާތައް ބަދަލުކުރުން މިހާރު ހުއްޓާލާފައިވާއިރު، އަރީހާ އަވަށުގެ ބައެއް މީހުން ވަނީ އެނބުރި އަވަށަށް އަންނަން ފަށާފައެވެ. ސުންނާފަތިވެފައިވާ އަރީހާ އަވަށަށް ތާރިޤް އެނބުރި އައީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. އަމިއްލަ ގެ ސުންނާތިވެފައި އޮތުމުން އޭނާއާ އޭނާގެ އާއިލާ އުޅެނީ އެހެން ގެއެއްގައެވެ. ނަމަވެސް މިއަދު އޭނާ ބޭނުންވީ އޭނާގެ އެތައް ހަނދާންތަކެއް ގުޅިފައިވާ އަމިއްލަ ގޭގައި އާއިލާއާއެކު ރޯދަ ވީއްލާށެވެ.

"
މިއީ އެންމެ ކުޑައިރުއްސުރެ ކޮންމެ އަހަރަކުވެސް އަހަރެން ރޯދަމަހުގެ ދުވަސްތައް ހޭދަކުރި ތަން. އެހެންވެ ބޭނުންވީ މިއަހަރުގެ ރޯދަމަހުގެ އެއް ދުވަހު ނަމަވެސް މިގޭގައި ރޯދަ ވީއްލުމެއް ބާއްވަން
އަރީހާގައި ކުޑައިރު ރޯދަމަސް ހޭދަކުރި ތާރިޤް

ރޯދަވީއްލުން ތައްޔާރުކުރަމުންދިޔައިރު އިތުރު ބައެއްގެ ހިލަމެއް ނެތެވެ. ވަށައިގެންވަނީ ބިމާ ހަމަވެފައި ހުރި ގެތަކެވެ. ކެއްކޭނެ ގޮތެއް ނެތުމުން ތާރިގްއާއި އޭނާގެ އާއިލާ އެތަނަށް އައީ ރޯދަ ވީއްލުމަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްގެނެވެ.

"
ކޮންމެހެން ކައްކައިގެން ކާކަށް ބޭނުމެއް ނޫން. މިގެއާ ގުޅިފައިވާ ހަނދާންތައް އަހަންނަށް މުހިއްމީ
ތާރިޤްގެ މަންމަ