ޚަބަރު

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް މިހާތަނަށް 814 މިލިއަން، މިމަހު އެކިވެސް 148 މިލިއަން ޚަރަދުކޮށްފި


ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ހަފްތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން ޢާންމުކުރާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުންނެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ "ކޮވިޑް ވީކްލީ ސްޕެންޑިން" ރިޕޯޓުގައިވާގޮތުގެމަތިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް 814.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެކުރިން ފިނޭންސް މިނިސްޓްރީން މި ރިޕޯޓު ޢާންމުކުރައްވާފައިވަނީ 30 އޭޕްރީލްގައެވެ. އެ މުއްދަތާ ހަމައަށް ސަރުކާރުން މިކަމަށް ޚަރަދުކޮށްފައިވަނީ 665.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި މަހުގެ މިހާތަނަށް އެކަނިވެސް 148.8 މިލިއަން ރުފިޔާ ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ވަނީ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކުރެއްވި ރިޕޯޓްގައި މިފައިސާ ހޭދަކުރި ގޮތުގެ ތަފްސީލުވެސްވަނީ ހާމަކުރައްވާފައެވެ. އެގޮތުން މިހާތަނަށް އައިރު ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކުރައްވާފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. މި ސެންޓަރުގެ މަސައްކަތް ތަކަށް 525.4 މިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކުރައްވާފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 135.7 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ. މީގެ އިތުރުން ޕްލޭނިންގް މިނިސްޓްރީގެ މަސައްކަތްތަކަށް 27.9 މިލިއަން، އެމްއެންޑީއެފްގެ މަސައްކަތްތަކަށް 6 މިލިއަން، ފޮރިން މިނިސްޓްރީގެ މަސައްކަތަކަށް 3.5 މިލިއަން އަދި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާގެ މަސައްކަތްތަކަށް 2.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރައްވާފައެވެ. މީގެ އިތުރުން ދެން ހުރި މުއައްސަސާތަކަށް މިހާތަނަށް ޚަރަދުކުރެއްވި މިންވަރު 1 މިލިއަނަށްވުރެ މައްޗަށް އަރާފައެއް ނުވެއެވެ.

މި ދަނޑިވަޅުގައި އެންމެ ބޮޑު ހޭދައެއް ކުރައްވަމުން ދަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޚިދުމަތްތައް ހޯދުމަށްކަމަށް މި ތަފާސްހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 389.7 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ. މީގެ އިތުރުން ގްރާންޓްތަކުންނާއި ސަބްސިޑައިޒްކޮށްގެން 110.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރައްވާފައެވެ. މި ދަނޑިވަޅުގައި ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރައްވަމުންންނެވެ. އެގޮތުން މިހާތަނަށް އައިރު މިފަދަ ކަންކަން ކުރުމަށް 54.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރައްވާފައެވެ. މި ދަނޑިވަޅުގައި ސިއްޙީ އާލާތްތައް މަރާމާތުކުރުމާއި ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ޖުމުލަ 7.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރައްވާފައެވެ.

މިހާތަނަށް އައިރު ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑުން ވަނީ 84.1 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ. މީގެ އިތުރުން ޓުއަރިޒަމް އެކްޓިވިޓީސް އިމްޕލިމެންޓޭޝަން ފަންޑުން ވަނީ 24.7 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ. އަދި މި މުއްދަތުގައި ޒަކާތު ފަންޑުންވަނީ 3 މިލިއަން ރުފިޔާ ޚަރަދުކުރައްވާއެވެ.

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވުމުން މިކަމާއި ގުޅޭގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ވަނީ ބަހުސްކޮށްފައެވެ.

މިބަޙުސްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާލިޔަތު ކޮމިޓީގެ މުޤައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވަނީ ސަރުކާރުން މިކަމުގައި ޚަރަދުކުރައްވަމުންދަނީ ދެފުއްފެންނަ ނިޒާމަކުންކަން ފާހަގަކުރައްވާފައެވެ. ނާޝިޒްވަނީ މި ދަނޑިވަޅު ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކުން، އެންމެ މުހިންމީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަންކަން ހާމަވުންކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ވަނީ މި ދަނޑިވަޅުގައި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ކުރަން ޖެހުނު ކޮންމެ ޚަރަދެއް ކުރައްވަން ފަސްނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ކަމަށް ބޭނުންވާ ހިލޭ އެހީ ހޯދުމާއި ލޯނު ނެގުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންންވެ. އަދި މި ދަނޑިވަޅުގައި ސަރުކާރުގެ މަސައްކަތްތަކުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ވަނީ އެކި ދާއިރާތަކަށް ކުރާ ހޭދަ ކުޑަ ކުރުމަށްފަހު ބޮޑެތި މުސާރަ ލިބޭ ފަރާތްތަކުގެ މުސާރަވެސް ކުޑަކޮށްފައެވެ.