ވިޔަފާރި

ޤަތަރު އެއަރވޭސްއިން ސިއްހީ ހިދުމަތްތެރިންނަށް 1 ލައްކަ ޓިކެޓް ހިލޭ ދެނީ


ކޯވިޑް-19ގެ ހާލަތުގައި ދުނިޔޭގެ ޤައުުތަކުގެ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ އަގުވަޒަންކޮށް ޝުކުރުއަދާކުރުމުގެ ގޮތުން ޤަތަރު އެއަރވޭޒްއިން ހިލޭ 1 ލައްކަ ޓިކެޓް ބަހާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިގޮތުން މިޕްރޮމޯޝަން ކުރިޔަށްދާނީ މިމަހުގެ 12 އިން 18 އަށެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރި ވެވެނޭކަމަށް ޤަތަރު އެއަރވޭސްއިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެދޭ ފޯމް qatarairways.com/ThankYouHeroes ލިބެން ހުންނާނެއެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުން ހާއްސަ ކޯޑެއް ލިބޭނެކަމަށް ޤަތަރު އެއަރވޭސްއިން ބުނިއެވެ. އަދި ޕްރޮމޯޝަން ކޯޑު ބޭނުންކޮށްގެން ޤަތަރު އެއަރވޭސްގެ އިކޮނޮމީ ކްލާސްގެ ދެ ޓިކެޓް ކޮންމެ ސިއްހީ ހިދުމަތްތެރިއަކަށް ހިލޭ ލިބޭނެއެވެ. މިގޮތުން އެކޯޑު ބޭނުންކޮށް ޓިކެޓު ނެގޭނީ 26 ނޮވެންބަރުގެ ނިޔަަލަށެވެ. އަދި މިޕްރޮމޯޝަން ތެރޭ ނަގާ ޓިކެޓަށް ދަތުރުކުރެވޭނީ ޑިސެންބަރު މަހުގެ 10 ގެ ނިޔަލަށެވެ. ޤަތަރު އެއަރވޭސްއިން ބުނީ ޕްރޮމޯޝަންގެ ދަށުން އެއެއަރލައިން ދަތުރުކުރާ ގިނަ މަންޒިލްތަކަކަށް ދަތުރުކުރުމަށް ފުރުސަތު ލިބޭނެކަމަށެވެ.

ޤަތަރު އެއަރވޭސްއިން ބުނީ ހުރިހާ ޤައުމެއްގެ ސިއްހީ ހިދުމަތްތެރިންނަށް ޕްރޮމޯޝަންގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ޤައުމަކަށްވެސް ކޮންމެ ދުވަހަކު ވަކި އަދަދެއްގެ ފުރުސަތު ދިނުމަށް ކަޑައަޅާފައިވާކަމަށެވެ.

ސިއްހީ ހިދުމަތްތެރިކަންގަ އަގު ވަޒަންކޮށް، ޝުކުރުއަދާކުރުމަށް ޤަތަރު އެއަރލައިންސް އިން ހިލޭ ޓިކެޓު ދިނުމުގެ އިތުރުން ޤަތަރުގެ ހައްމާދު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓިއުޓީ ފްރީ އައުޓްލެޓްތަކުން 35 އިންސައްތަ ޑިސްކައުޓް ލިބޭ ވައުޗަރވެސް ދިނުމަށް ހަމަޖެހިފައެވެ. މިގޮތުން ދެވޭ ވައުޗަރތަށް ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށް ބޭނުންކުރެވޭނެއެވެ.

މިކަންކަމާބެހޭ ގޮތުން ޤަތަރު އެއަރވޭސް ގްރޫޕްގެ ޗީފް އެގްޒެކެޓިވް އަކްބަރ އަލް ބާކިރް ވަިދާޅުވީ ކޯވިޑް-19 އިން މުޖުތަމައުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރަމުންދާ ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު ހައްޤުކަމަށެވެ. އަދި މިއީ މިފަދަ ފަރާތްތަކުގެ އަޤުވަޒަންކުރުމަށް ކުރެވޭ ކުޑަކަމެއްކަމަށެވެ.

ކޯވިޑް-19 ފެތުރެން ފެށުމާއި އެކު ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމުން އަމިއްލަ ޤައުމަށް ނުދެވި ތާށިވެފައި ތިބި އެތަށް ބައެއް އަމިއްލަ ބިމަށް ގެންގޮސްދިނުމަށް ހާއްސަ ފްލައިޓްތަށް ޤަތަރު އެއަރވޭސް ވަނީ އޮޕަރޭޓްކޮށްފައެވެ. އެގޮތުން ކުރި މަސައްކަތުގެ ތެރެއިން ޤަތަރު އެއަރވޭސްއިން ވަނީ 100 ޗާޓަރ ފްލައިޓް އޮޕަރޭޓްކޮށް މިލިއަނަށްވުރެ ގިނަ މީހުން އެމީހުންގެ އަމިލަ ޤައުމަށް ގެންގޮސްދީފައެވެ. މިކަންކުރުމުގައި ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފްލައިޓްގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ޤަތަރު އެއަރވޭސްއިން ދުނިޔޭގެ ސިއްހަތު ޖައްމިޔާއިން ކަނޑައަޅާފައިވާ ގިނަ މިންގަނޑުތަކަކަށް ދަނީ އަމަލުރަމުންނެވެ. އަދި މިނޫނަސް މުދަލާއި އެހެން ސާމާނު އެކި ތަންތަނަށް ފޯރުކޮށްދިނުމުގެ ހިދުމަތްވެސް ޤަތަރު އެއަރވޭސްގެ ފްލައިޓްތަކުން ވަނީ އެކި ޤައުމުތަކަށް ފޯރުކޮށްދީފައެވެ.