ޚަބަރު

ބުރިޖްގެ ޢަމަލީ މަަސައްކަތް ފެށުމުގެ ތައްޔާރީ، ހުއްޓުމެއްނެތި ކުރިއަށް


މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލުމަށް ހަދާ ބްރިޖުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ވަމުންދާ ތައްޔާރީތައް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ބްރިޖްގެ މަސައްކަތުގެ ތެރެއިން މިވަގުތު ކުރިއަށްދަނީ މި މަސައްކަތަށް ބޭނުންވާ ބިން ގުޅިފަޅުން ހިއްކުމާއި، އަދި ބްރިޖް ހެދުމަށް ބޭނުންވާ ސަރވޭތައް ކުރުމުގެ މަސައްކަތެވެ.

ސަރވޭގެ މަސައްކަތްތައް މިހާރުވެސް ހުއްޓާނުލައި ކުރިއަށްދާކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ސަރވޭގެ މަސައްކަތް ކުރިއަށްގެންދިއުމަށް ބޭރުގެ ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ މިއަަހަރުގެ މާޗްމަހުގެ 5ވަނަ ދުވަހުއެވެ. މި ސަރވޭއަކީ ބްރިޖް ހުރަސްކުރާ ކަޑުގެ ސަރަޙައްދުގެ ސަރވޭއާއި، އަދި ބްރިޖްގެ ގުޅުވާލަދޭ ރަށްތަކުގެ ސަރަޙައްދުތައް ސަރވޭކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މައްސަައްކަތުގެދަށުން ބޯހޯލް ތޮރުފައިގެން ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވަނީ މަރޗް 26ވަނަ ދުވަހުއެވެ. ސަރވޭ ހެދުމަށް އެއްގަމާއި ކަނޑުން 28ބޯހޯލް ތޮރުފާނެއެވެ. މިމަސައްކަތް ބޭރުގެ ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ 15މިލިއަން ޑޮލަރަށެވެ.

މާލެއާއި ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅާލާ ބުރިޖަކީ 6.7 ކިލޯމީޓަރުގެ ބުރިޖެކެވެ. ބުރިޖްގެ ފައިނަލް ޑިޒައިންތައް ހެދުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރިއަށެވެ. މިމަޝްރޫޢަށް ޚިޔާލުހޯދުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި، ބޭރުގެ ކުންފުނިންތަކުންވަނީ އެކި ފަހަރުމަތިން ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެފައިވަނީ ބްރިޖް ހަދާނީ ކޮޅަކަށް 2 ލޭނަށްވުރެ މަދު ނުވާގޮތަށްކަމަށެވެ.

ބްރިޖްގެ ސަރވޭ މަސައްކަތް ބަޔަކާއި ހަވާލުކުރުން:

މާލެއާއި ތިލަފުއްޓާދެމެދު ގުޅާލާ ބްރިޖްގެ ހުރިހާ މަސައްކަތަކީވެސް އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތެއްކަން ސަރުކާރުން މީގެކުރިންވަނީ ހާމަކުރައްވާފައެވެ. ބްރިޖްގެ ޢަމަލީ މަސައްކަތްކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ބަޔަކާއި ހަވާލުކުރުމަށް ކުރިއަށްގެންދާ ބިޑްގެ މަސައްކަތްތައްވެސް ކުރިއަށްގެންދާނީ އިންޑިއާގައިކަމަށް ޕްލޭނިންގ މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުން ލަފާކުރައްވާފައިވަނީ ސަރވޭގެ މަސައްކަތްތައް ޖުލައިމަހުގެ ނިޔަލަށް ނިންމާލައި ސެޕްޓެމްބަރުމަހު ބްރިޖްގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށެވެ.