އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ ތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފިއެވެ.
އެސްޓީއޯއިން ވިދާޅުވީ އެކުންފުނީގެ އެމްވީ ބޮންތި 2 ބޯޓަށް އިންޑިއާގެ ސޫތުކުޅީ ބަނދަރުގައި މިހާރު މުދާ ބަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެސްޓީއޯއިން ރާއްޖެ ގެނައުމަށް ބަރުކުރަމުންދަނީ އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ އެނދާއި ގޮދަޑިއާއި ބެޑްޝީޓާއި ބާލީސްފަދަ ތަކެތި ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭއަށް ބޭނުންވާ ޒަރޫރީ ވަޞީލަތްތައް ހަމަކުރުމަށް މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެސްޓީއޯއިން އަންނަނީ ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ މާސްކާއި ކުރީސަފުގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ރާއްކާތެރިކަމުގެ ގިއަރުތަކާއި ޕީޕީއީތަކާއި ބޭސް ހޯދުމުގައި އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މާލެއާއި ހުޅުމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅާއި އަދި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކާއި މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުންދާ ބިދޭސީން މި ޙާލަތުގައި ރައްކާތެރި ތަންތަނަށް ބަދަލު ކުރުމަށްޓަކައި ޤާއިމް ކުރާ ފެސިލިޓީތައް ސަރުކާރުންދަނީ ޤާއިމް ކުރަމުންނެވެ. އަދި މި ތަންތަން ވީހާވެސް އަވަހަކަށް ބޭނުންކުރެވޭ ހާލަތަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ސަރުކާރުން ދަނީ ކުރަމުންނެވެ.