ޚަބަރު

އަމިއްލަ ކުންފުނިތަކުން ހުޅުމާލޭގައި ބިދޭސީންނަށް 2600އަށްވުރެ ގިނަ އެނދުގެ ފެސިލިޓީއެއް ހަދަނީ


ހުޅުމާލޭގައި 2600 އަށްވުރެ ގިނަ ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަމުންދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމަށް އަމިއްލަ ކުންފުނިތަކުގެ އެހީގައި ހަދާ އެކަމަޑޭޝަން ބްލޮކްތައް ހަދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. 3 ޕްރޮޖެކްޓަކަށް ބަހާލައިގެން ހަދާ މިއެކަމަޑޭޝަން ބްލޮކްތަކުގައި 2684 ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މަޢުލޫމާތުލިބެއެވެ. މިދިޔަމަހު މަސައްކަތް ފަށާފައިވާ މިއިމާރާތްތަކަކީ ޕްރީފެބްރިކޭޓް އިމާރާތްތަކެކެވެ. މިމަސައްކަތުގެ 50 އިންސައްތައަށްވުރެ ބޮޑު ބައި މިހާރުވަނީ ނިމިފައެވެ.

އެޗްޑީސީން މިދިޔަމަހުގެތެރޭގައިވަނީ ހުޅުމާލޭގައި ބިދޭސީންނަށް އެކަމަޑޭޝަން ޤާއިމުކޮށްދިނުމަށް އަމިއްލަ ކުންފުނިތަކަށް ހުޅުވާލާފައެވެ. މިކަމަށް ހުޅުވާލުމުން ފަސް ކުންފުންޏަކުންވަނީ މިކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އެހީވުމަށް ހުށައަޅާފައެވެ. އަމިއްލަ ކުންފުނިތަކުން މިމަސައްކަތް ކުރަމުންދަނީ 3 ޕްރޮޖެކްޓަކަށް ބަހާލައިގެންނެވެ.

މިގޮތުން އެސްޓީއޯއާއި ބީޔޫސީޖީ އާއި ޖައުސާ ގުޅިގެން 1292 މީހުންގެ ޖާގައިގެ ފެސިލިޓީއެއްދަނީ ހަދަމުންނެވެ. 6 ބިލްޑިންގ ބްލޮކް އާއި 96 ފާޚާނާ ހިމެނޭ ގޮތަށް ހަދާ މިފެސިލިޓީގައި 310 މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭނެ ކެންޓީނެއްވެސް ހިމެނެއެވެ. މި ޕްރޮޖެކްޓްގެ %50 އަށްވުރެ ބޮޑު ބައެއް ނިމިފައިވާއިރު، މިމަހުގެ 18 އަށް މުޅިން މަސައްކަތް ނިންމާލެވޭނެކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.

މީގެ އިތުރުން ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަންގެ އެހީގައިވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 800 ބިދޭސީންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމުގެ ގޮތުން 6 ބިލްޑިންގ ބްލޮކް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިބިލްޑިންގ ބޮލްކްގައި 84 ފާޚަނައާއި، އެއްފަހަރާއި 175 މީހުންނަށް ބޭނުންކުރެވޭނެ ކެންޓީނެއް ހިމެނެއެވެ. މި މަސައްކަތުގެ %60 އަށްވުރެއް ބޮޑު ބައެއް ނިމިފައިވާއިރު، މިމަހުގެ 18ވަނަ ދުވަހަށް މުޅި ބްލޮކްގެ މަސައްކަތް ނިންމާލެވޭނެކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.

ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުވައި ދިނުމަށްޓަކާ އެމްޕީއެލްއާއި އެސްޖޭ ގްރޫފް އާއި ފެޑޯ ގުޅިގެންވެސް 592 މީހުންގެ އެކަމަޑޭޝަން ބްލޮކްތަކެއް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ޕްރީފެބްރިކޭޓް 6 އެކަމަޑޭޝަން ބްލޮކާއި، 42 ފާޚާނައާއި 154 މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭ ކެންޓީނެއްދަނީ ހަދަމުންނެވެ. މި މަސައްކަތުގެވެސް %50 އަށްވުރެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. މި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތްވެސް މިމަހުގެ 18 އާއި ނިންމުމަށްވަނީ ހަމަޖެހިފައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންވަނީ މި ހަފްތާގެ ތެރޭގައިވެސް ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 667 އެނދުގެ ފެސިލިޓީއެއްގެ މަސައްކަތް ނިންމާފައެވެ.

ކޯވިޑް 19އާއި ގުޅިގެން ސަރުކާރުން ވަނީ ތޮއްޖެހިފައިވާ ތަންތަނާއި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނުން ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.