ޚަބަރު

ސަލްޓަންޕާކް ކުރިމަތީގައިހުރި ޖުމްހޫރީބިނާ ނަގައިފި


ސަލްޓަން ޕާކު ކުރިމަތީގައި ހުރި ޖުމްހޫރީ ބިނާ އެތަނުން ނަގައިފިއެވެ. ރާއްޖޭގައި އޮތް ޖުމްހޫރީ ވެރިކަމުގެ ރަމްޒެއްގެ ގޮތުން ސަލްޓަން ޕާކު ކުރިމަތީގައި ހަދާފައިވާ މިބިނާ އެތަނުން ނަގާފައި މިވަނީ މިނިވަން ފަންސާހަށް އެތަން މަރާމާތު ކުރުމަށްފަހުގައެވެ. ޖުމްހޫރީ ބިނާ އަކީ ރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަކުރާތާ 30 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހެއްދެވި ބިނާއެކެވެ. ޖުމްހޫރީ ބިނާ އެތަނުން ނަގާފައިމިވަނީ އިސްލާމީ މަރުކަޒުގައި ނަމާދުކުރާ ޖާގަ ބޮޑުކުރުމަށް އެސަރަޙައްދަށް ހައުސިން މިނިސްޓްރީން ބަދަލުތައް ގެންނަމުން ދިއުމާ ގުޅިގެންނެވެ. އަދި އެ ތަނުގެ ވަށައިގެންވާ މަގުތަކުގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ވަނީ ނިންމާފައެވެ. މިބިނާއަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ސަމާލުކަންވެސް ހޯދާފައިވާ ބިނާއެކެވެ.ޖުމްހޫރީ ބިނާ އެތަނުން ނަގާފައިވާއިރު ޖުމްހޫރީ މައިދާން ސަރަޙައްދުގައި ހުރި ގަސްތައް ހައުސިންގ މިނިސްޓްރީންވަނީ ނަގަންފަށާފައެވެ.ޝަޙީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތިން ޖުމްހޫރީ މައިދާނުގައި ހުރި ގަސްތައް ހައުސިންގ މިނިސްޓްރީން ނަގަންފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. މިކަމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޖުމްޙޫރީ މައިދާން ސަރަޙައްދުގައި ހުރި ހަލާކުވެފައި ހުރި ގަސްތައް ނެގީ އެސަރަޙައްދުގައި އާ ގަސްތައް އިންދުމަށްކަމަށެވެ. އެހެންނަމަވެސް މިިކަމާ ގުޅޭ މާބޮޑު ތަފްސީލެއް ހައުސިންގ މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.