ޚަބަރު

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ތިބި 200 ދިވެއްސަކު އަންނަ ހަފްތާގައި ރާއްޖެ ގެންނަނީ


އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝި-ކޭޝް އަދި ވެރިރަށް ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް އަދި ކޮޗިންގައި ތިބި ބައެއް ދިވެހިންކަމަށެވެ.

އެމީހުން ގެނައުމަށް ހަމަޖެހިފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އެފްލައިޓް ދަތުރުކުރާނީ މާލެއިން އިންޑިއާގެ ވެރިރަށް ދިއްލީއަށް، ދިއްލީން ތިރުވަނަންތަ ޕޫރަމަށް އަދި އެސިޓީން މާލެއަށެވެ.

އެ ފްލައިޓް ޖައްސާ 2 ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިޔުމުގައި ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ތިރުވަނަންތަ ޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސްތިބި މީހުންގެ ތެރެއިން ފްލައިޓް ކެންސަލްވި ފަރާތްތަކާއި، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން ރާއްޖެ އަންނާނެއެވެ.

މި ފްލައިޓުން ދަތުރުކުރާ ފަރާތްތަކުން އަންނާނީ ޓިކެޓް ގަނެގެންކަމަށާއި، ޓިކެޓިންގެ މަސައްކަތް ކުރިއަށްގެންދާނީ މޯލްޑިވިއަން އިންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ މި ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރާނެ ކަމަށެވެ.

ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއަށް މިފަދަ ފްލައިޓްތައް ބާއްވާނެކަމަށާއި ހާލަތާ ގުޅޭ ގޮތުން ބަދަލުތަކެއް އައުން އެކަށީގެންވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އިންޑިއާ ފުރަބަންދުކުރުމާއިގުޅިގެން މީގެ ކުރިންވެސް އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ތިބި ދިވެހިން ދެފަހަރެއްގެ މަތިން ރާއްޖެގެނެސްފައިވެއެވެ.