ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން ވަރޗުއަލްކޮށް އިޝްތިހާރުކުރުމަށް ޓީޓީއެމްއިން ތައްޔާރުވެއްޖެ


ވަރޗުއަލްކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ޓްރެވެލް ޓްރޭޑް މޯލްޑިވްސްއިން ތައްޔާރުވެއްޖެއެވެ.
ޓީޓީއެމްއިން ބުނީ "ވަރޗުއަލް މޯލްޑިވްސް" ގެ ނަމުގައި ރާއްޖެ އިޝްތިހަރުކުރުމަށް މި ފަށާ މަސައްކަތުގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް އިޝްތިހާރުކުރާނެކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގައި ފަތުރުވެރިކަން ހުއްޓި ފަތުރުވެރިކަން މާކެޓްކުރުމަށް ކުރިއަށްގެންދާ ގިނަ ހަރަކާތްތަކެއްވެސް ވަނީ ހުއްޓިފައެވެ. ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ފަތުރުވެރިކަމަށް ބަރޯސާވެފައިވާއިރު މިދަނޑިވަޅުގައި ރާއްޖެ އިޝްތިހާރު ކުރެވޭނެ އެންމެ ރަނގަޅުއެއްގޮތަކީ މިއީކަމަށް ޓީޓީއެމްއިން ބުނެއެވެ.

ވާޗުއަލްކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ޓީޓީއެމްއިން ފަށާ މި ހަރަކާތް ފަށާނީ ޖޫންމަހުއެވެ. މިއީ 18 މަސްދުވަހަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވެ އިޝްތިހާރުކުރުމަށް މިހާރުވެސް ގިނަ ރިސޯޓުތަކަކުން ބައިވެރިވެފައިވާކަމަށް ޓީޓީއެމްއިން ބުނެއެވެ.

ވާޗުއަލްކޮށް އިޝްތިހާރުކުރާއިރު ބޭނުންކުރާ ފޮޓޯއާއި ވީޑީއޯތައް ނަގާފައިވާގޮތުން، ދުނިޔޭގެ ކޮންމެ ތަކެއްގައި ހުރިނަމަވެސް އެ ރިސޯޓެއް ނުވަތަ ގެސްޓްހައުސްއެއްގެ މަންޒަރުތައް ބަލާ ފަރާތްތަކަށް އެ ތަނުގައި ހުރެވޭކަހަލަ އިހުސާސެއް ކުރެވޭނެއެވެވެ. ޓީޓީއެމްއިން ބުނީ ވާޗުއަލް ރިއަލިޓީއަކީ މުސަތަޤްބަލުގައި ދުނިޔޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް މާކެޓްކުރުމަށް ބޭނުންކުރާ މުހިންމު ވަސީލަތަކަށް ވެގެންދާނެކަމަށެވެ.