ޚަބަރު

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް، ކަނޑައެޅިފައިވާ ތާރީޚަށް ނިންމާލެވޭނެ: އެމްޓީސީސީ


ހއ. ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީން ހާމަކުރައްވައިފިއެވެ.

ހޯރަފުށީ އެއާރޕޯޓުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހު މުޅިން ނިންމާލެވޭނެ ކަމަށް އެމްޓީސީސީއިން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

އެމްޓީސީސީން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކޮށް، އެ ކުންފުނިން ކުރި ޓުވީޓެއްގައި ވަނީ ހއ. ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މެދު ނުކެނޑި ކުރިއަށްދާ ކަމަށެވެ.

އެގޮތުން މި މަސައްކަތް ކުރިން ނިންމުމަށް ތާވަލްކުރި ތާރީޚު ކަމުގައިވާ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހަށް މަސައްކަތް މުޅިން ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ. އެމްޓީސީސީއިން މިހާރު ވަނީ ހޯރަފުށީ އެއަރޕޯޓް ރަންވޭ ތަރައްޤީކުރަން ބޭނުންވާ އަސްފެލްޕްޓް ޕްލާންޓް އެރަށަށް ގެންގޮސްފައެވެ. އެގޮތުން އެސްފެލްޓް ލޭޔަރ އެޅުމުގެ މަސައްކަތް ކައިރި މުސްތަޤުބަލެއްގައި ފެށޭނެކަމަށް އެ ކުންފުނިން ހާމަކުރެއްވިއެވެ.

އެމްޓީސީސީއިން ކުރި ޓުވީޓް

ހޯރަފުށީ އެއަރޕޯޓްގައި 1200 މީޓަރުގެ ރަންވޭ އެއް އެޅުމަށް ނިންމާފައިވާއިރު، 8635 ސްކޮޔަރ މީޓަރުގެ އޭޕްރަން އަދި ޓެކްސީ ވޭއެއް ތަރައްޤީކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ޕާކިން އޭރިއާގެ ގޮތުގައި 9473 ސްކޮޔަރ މީޓަރު ހާއްސަކޮށްފައިވާއިރު 720 މީޓަރުގެ ސެކިއުރިޓީ އަދި ބީޗް ފެންސް އޭރިއާއެއް ހެދުމަށް ނިންމާފައި ވެއެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ. އެގޮތުން 842 ހާސް ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީގެ އިތުރުން 1120 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މިއަހަރުގެ މާރޗް މަހުގެ 2 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ.