ޚަބަރު

މެލޭޝިޔާގެ ލިންބަގް ކުންފުނިން ރާއްޖެއަށް 60،000 ފޭސްމާސްކު ހަދިޔާކޮށްފި


މެލޭޝިޔާގެ ލިންބަގް ހޯލްޑިންގްސްއިން ރާއްޖެއަށް 60،000 ފޭސްމާސްކު ހަދިޔާކޮށްފިއެވެ.

އެ ކުންފުނީގެ ފައުންޑަރ ދަތުކް ވިރަ ލިންގ ކަޗޮކް ގެ ފަރާތުން މި ފޭސްމާސްކުތައް ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި މާސްކުތަކާއި ހަވާލުވެވަޑައިގެންނެވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއެވެ.

މި 60000 މާސްކަކީ ކޯވިޑް19 އިން ރައްކާތެރިވުމަށް ޕްރޮންޓްލައިންގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހަދިޔާކުރި މާސްކުތަކެއްކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ މުޅި ދުނިޔެ އެކަތިގަނޑަކަށްވެ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ވަގުތެއްކަމަށް ކުންފުނީގެ ފައުންޑަރ ވަނީ ވިދާޅުވެފައެވެ.

މާސްކުތައް ހަވާލުކުރުމަށްފަހު ލިންބަގް ހޯލްޑިންގްސްގެ ފައުންޑަރ ވިދާޅުވެފައިވަނީ ރާއްޖެއަކީ ރީތި ޤައުމެއްކަމަށާއި ދިވެހިންނަކީވެސް ހިތްހެޔޮ ބައެއްކަމަށެވެ. އަދި ކޯވިޑް19 ގެ މިހާލަތުން ދިވެހިރާއްޖެ އަރައިގަތުމަށް ކޮށްދެވެންހުރި ހުރިހައިކަމެއް ކޮށްދެއްވާނެކަމަށެވެ. އަދި މިހާލަތުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތައް އޭނާ ވަނީ ތައުރީފް ކުރައްވާފައެވެ.