ޚަބަރު

ކޯވިޑް-19 : ދަނޑުވެރިކަމަށް ބިން ދޫކުރުން އަވަސްކުރުމަށް ސަރުކާރަށް ލަފާއަރުވަން ފާސްކޮށްފި


ދަނޑުވެރިކަމުގެ މަސައްކަތްތައް ފަށައިގަތުމަށްޓަކައި ވީހާވެސް އަވަހަށް ރަށްރަށުން ބިން ދޫކުރުމަށް ސަރުކާރަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މަޖިލީހުން މިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ކޯވިޑް-19ގައި ރާއްޖޭއަށް އެކި ދާއިރާތަކުން ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ އެކަމުން އަރައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކުރި ރިޕޯޓްގައިވަނީ ސަރުކާރަށް މިދަނޑިވަޅުގައި ދޭނެ ލަފަޔާއި އިރުޝަދުތައް ހިމަނުއްވާފައެވެ.

މިގޮތުން ކޯވިޑް-19 ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއްވެ، އެ ގެއްލުންތަކުން އަރައިގަތުމަށް އެކި ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި، މިކަމުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި މުސްތަޤްބަލްގައި ދުނިޔެއަށް މިފަދަ ކަމެއް މެދުވެރިވިނަމަވެސް ދިވެހިންނަށް ޒަރޫރީ ބޭނުންތައް ފުއްދައިގެން ދިރިއުޅެވޭނެކަން ޔަޤީންކުރުމަށްޓަކައި ހަރުދަނާ އަދި ދެމެހެއްޓެނިވި ފިޔަވަޅުތަކެއް ދިވެހިރާއްޖެއިން އަޅަންޖެހޭނެކަމަށް ކޮމިޓީން ދެކޭކަމަށް މި ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.

ދިވެހިރާއްޖެއަކީ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ބޭރުގެ ޤައުމުތަކަށް އިންތިހާއަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ރާއްޖެއިން ބޭރަށް ދަތުރުނުކުރެވި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދިވެހިންނަށް ހީވެސްނުކުރާފަދަ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެކަމަށް ކޮމިޓީއަށް ފެންނަކަމަށް ބުނެފައިވެއެވެ. ވީމާ، މި ދަނޑިވަޅަކީ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި ދަނޑުވެރިކަމަށް އިސްކަންދީގެން މަސައްކަތްކުރުމަށް މަޖުބޫރުވެފައިވާ ދަނޑިވަޅެއްކަމަށާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް ރަށްރަށުގައި ވީހާވެސް އަވަހަށް ފަށައިގަތުމަށްޓަކައި ރޭވުންތެރިކަމާއެކު ކައުންސިލްތައް މެދުވެރިވެގެން ބިންތައް ދޫކުރުމަކީ ކޮންމެހެނުން ކުރަން ޖެހިފައިވާކަމެއްކަމށްވެސް ލާމަރުކަޒީ ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

ދިވެހި ރާއްޖޭގެ އިޤްތިސާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރުކުޑަކުރުމަށް އިތުރު ސިނާއަތްތައް ކުރިއެރުވުމަކީ މި ދަނޑިވަޅުގައި ކޮންމެހެން މުހިއްމު ކަމެއްކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް އެމަގަށް މިސްރާބު ކުރަންޖެހޭކަމަށް ކޮމިޓީގެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން މިކަމުގައި ކޮމިޓީން ހުށަހަޅާ ހުށަހެޅުންތަކުގެ މައިގަނޑު އަމާޒަކީ، ސަރުކާރުން ހިންގުމަށް ނިންމާފައިވާ އިކޮނޮމިކް ސްޓިމިއުލަސް ޕްރޮގްރާމް ތަންފީޒުކުރުމުގައި، ދިވެހިންގެ އަމިއްލަ އުފެއްދުންތައް އިތުރުކުރުމަށް ބާރުއަޅައި، އެހެން ޤައުމުތަކަށް ދިވެހިން ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށް ބާރުއަޅައި، މި ބަލިމަޑުކަމުން އަރައިގަނެ މިބަލީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރަންޖެހޭކަމަށްވެސް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާކޮށް ނިންމާފައިވާ ކޮމިޓީ ރިޕޯޓްގައި ވަނީ ކޯވިޑް-19 ރޯގާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެން ފެށުމާއެކު މިބަލި ރާއްޖެއަށް ފެތުރުނަ ނުދިނުމަށްޓަކައި ސިއްޙީގޮތުން ސަރުކާރުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ. މިބަލިމަޑުކަން ރަށްރަށަށް ފެތުރިއްޖެ ޙާލަތެއްގައި ޢަމަލުކުރަން ރާވާފައިވާ ރޭވުންތަކުގައި ސިޓީ ކައުންސިލްތަކާ، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް ބައިވެރިކޮށް ކަންކަން ހިންގުމަށް ރާވާފައިވާ ކަންވެސް ހިމަނާފައިވެއެވެ.

މި ބަލީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އަވަސް މުސްތަޤްބަލެއްގައި ޤައުމީ ފެންވަރުގެ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމާއި، އެ މަސައްކަތަކީ ކައުންސިލްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކެއް ކަމަށް ވާންޖެހޭކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.

މި ހުށައެޅުންތައް ސަރުކާރަށް ހުށައެޅުމަށްވެސް މި ރިޕޯޓްގައި ވަނީ ހިމަނާފައެވެ. ރާއްޖޭގައި ދަނޑުވެރިކަން ފުޅަކުރުމަށް ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.