ޚަބަރު

ކޯވިޑް-19 : ސިފައިން ، އެމަޖެންސީ ވެންޓިލޭޓަރެއް އުފައްދައިފި


ނޭޝަނަލް އެމަޖެންސީ އޮޕަރޭރޭޝަން ސެންޓަރަށް ބޭނުންވާ އެމަޖެންސީ ވެންޓިލޭޓަރެއް އެމް.އެން.ޑީ.އެފުން އުފައްދައިފިއެވެ. މިވެންޓިލޭޓަރު އުފައްދާފައިވަނީ އެމް.އެން.ޑީ.އެފް ސަރވިސް ކޯޕްސްގެ ސިގްނަލްސްއިންނެވެ.

މި ވެންޓިލޭޓާރުގެ އުފެއްދުމުގެ މަސައްކަތް "ސިގްނަލް"އިން ފަށާފައިވަނީ މިދިޔަ މަހުގެ އަށާރަވަނަ ދުވަހުއެވެ. ހަލާކުވެފައިވާ ބައެއް އިލެކްޓްރޯނިކް އިކުއިޕްމަންޓްސްގެ ބައިތައް ބޭނުންކޮށްގެން މި ވެންޓިލޭޓަރުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ވަނީ ނިންމާލާފައިވާކަމަށް ސިފައިން ހާމަކުރެއްވިއެވެ.
މިއަދު ބަންޑާރަ ކޮށީގެ އޮޑިޓޯރިއަމްގައި ވެންޓިލޭޓަރު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލާއި ވައިސްޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރ މާރިޔާ ކުރެއްވި ޓުިވީޓް

މި ތައްޔާރު ކުރެވުނު އެމަޖެންސީވެންޓިލޭޓަރކީ ޕްރޮޓޯޓައިޕަކަށް ވުމުން މިފަދަ މެޑިކަލް ޑިވައިސްތައް ބޭނުން ކުރުމުގެ ކުރިން ހަމަޖެހިފައިވާ އުސޫލުން ޓެސްޓްކުރުމުގެ ކަންކަން ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެމްއެންޑީއެފްއިން ވެންޓިލޭޓަރެއް ތައްޔާރުކުކުރުމުން މިކަމަށް މަރުޙަބާ ވިދާޅުވެ، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ މިއީ ދިވެހި ސިފައިންގެ ކުޅަދާނެކަން ހާމަކޮށްދޭކަމެއްކަމަށެވެ.

އެގޮތުން މި ވެންޓިލޭޓަރއަކީ ޕްރޮޓޯޓައިޕްއެއްކަމުގައިވިޔަސް، މި އުފެއްދުމުގެ ބޭނުން އަމަލީގޮތުން ބޭނުންކުރެވޭނެކަމުގެ އުންމީދު ބޮޑުކަން މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އެމް.އެން.ޑީ.އެފުން ވެންޓިލޭޓަރެއް އުފައްދާފައިވާއިރު، ދިވެހި ސިފައިން ދަނީ ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށާއި ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ.