ޚަބަރު

ކޯވިޑް-19 : ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންކަން ކަށަވަރުކުރުމަށް ހުއްޓުމެއްނެތި ދަނީ މަސައްކަތް ކުރަމުން


ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންކަން ކަށަވަރުކުރުމަށްޓަކައި، މިހާރު މިއޮތް ފުރަބަންދުގެ ޙާލަތުގައިވެސް ހުއްޓުމެއްނެތި ކުރަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޤައުމާ މުޚާތަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ މިޙާލަތުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ސަރުކާރުން ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ކަށަވަރުކުރުމަކީ ސަރުކާރުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގައި އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެހެން ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ އެހީތެރިކަންވެސް ލިބެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"މުޅި ރާއްޖެ ފުރަބަންދުގެ ޙާލަތުގައި އޮތަސް، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ގިނަ ކަންތަކެއް އެބަހުރި. ދޭންޖެހޭ ޚިދުމަތްތައް ވެސް އެބަހުރި. އެޚިދުމަތްތައް ދިނުމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން. ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ބޭހާއި އެހެން ވަސީލަތްތަކާއި އާލާތްތައް، ބޭރު ޤައުމުތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން. މިކަމުގައި ރަޙްމަތްތެރި ޤައުމުތަކުންނާއި ބޭރުގެ ދީލަތި ބައެއް ބޭފުޅުން، ދިވެހި ރައްޔިތުންނަށްޓަކައި ވަރަށް އަގުހުރި އެހީތަކެއް ވެދެއްވައިފި. އަދި މިހާރުވެސް އިތުރު އެހީތައް ދެއްވުމަށް އަންނަނީ ތައްޔާރުވަމުން. އެ ހުރިހާ ފަރާތްތަކަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއަށް މިޙާލަތުގައި ކުރިމަތިވާ އިޤްތިޞާދީ ގޮންޖެހުންތަކަކީ ބޮޑު ގޮންޖެހުންތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިޙާލަތުގައި އަބަދު ތިބުމަކީ ރާއްޖެފަދަ ޤައުމަކަށް ފަސޭހަ ކަމަކަށްނުވާއިރު ރިސޯޓްތަކާއި، އެނޫންވެސް ސިނާއަތްތަކުގެ މަސައްކަތް ވީ އެންމެއަވަހަކަށް ފެށުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށެވެ. އަދި މިކަންކަން ކުރެވެން އޮތީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ޙާލަތަށް އަންނަ ބަދަލުތަކާ އެކީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މިތިބަ ޙާލަތަކީ، މާގިނަ ދުވަހަށް ތިބެވޭނެ ޙާލަތެއް ނޫންކަން، އެންމެންވެސް ޤަބޫލުކުރާނެ ޢާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް، ވަޒީފާއަށް ނުކުމެވޭނެ ގޮތެއް ނެތް. އެތައް މިލިޔަން ޑޮލަރެއް އިންވެސްޓްކޮށްގެން ހިންގަމުން އައި ރިސޯޓްތައް އެހުރީ ފަޅަށް. ހޮޓާތަކާއި ރެސްޓޯރެންޓްތައް ހުއްޓި، ޢާންމު ވިޔަފާރިތައް އަޑިއަޅާލައިފި. "ކޯވިޑް-19އާ ދެކޮޅަށް، ޤައުމުތަކުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު، މި ބަލިން އަރައިގަތުމަށް، ދެ މަހަށް ވުރެ ގިނަ ދުވަސް ނަގާ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޙާލަތުން އަރައިގަތުގެ އެންމެބޮޑު މަސައްކަތެއް ކުރެވޭނީ ދިވެހި ރައްޔިތުންނަށްކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމުން ވީހާވެސް އަވަހަށް އަރައިގަނެވި ރައްޔިތުންނަށް ދިމާވެފައިވާ އުދަގޫ ކަންތައްތަކުްނ އަރައިގަނެވޭނެ ގޮތްތަކެއް ހޯދުމަކީ ސަރުކާރުން ވަރަށްބޮޑު އިންކަމެއް ދީގެން ކުރައްވަމުންދާ ކަންތައްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

"މި އުނދަގޫ ޙާލަތުން މިންޖުވުމަށްޓަކައި، ވީއެންމެ އަވަހަކަށް މިބަލި ކޮންޓްރޯލްކުރެވޭތޯ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ. މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަޙައްމަލްކުރި ޤައުމުތަކުގެ ރައްޔިތުން މިހާރު އެތައްޔާރުވަނީ، ޢާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށް. އަޅުގަނޑުމެންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން މިއަންނަނީ، މި ޙާލަތުން
އަރައިގަނެ، އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ދެވޭތޯ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއިން ދަނީ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އިޤްތިޞާދުގެ %75 ފަތުރުވެރިކަމަށް ބަރޯސާވެފައިވުމުން ރާއްޖޭގެ ފަތުރުވެރިކަން މިދަނޑިވަޅުގައި ހުއްޓިފައިވުމަކީ ޤައުމަށް އޮތް އެންމެބޮޑު ގޮންޖެހުމެވެ. މިކަމުން އަރައިގަތުމަށް ސަރުކާރުންވަނީ ޚާއްސަ އިޤްތިޞާދީ ޕްލޭނެއް އެކުލަވާލައި އެހީތެރިވުމަށް މަސައްކަތް ފަށާފައެވެ.