ޚަބަރު

ކޯވިޑް-19 : ޤަވާއިދާއި ޚިލާފަށް އުޅޭ 1500 ބިދޭސީއަކު ފޮނުވާލަނީ


ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބަންގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ޤައުމުގެ 1500 މީހަކު، އެ ޤައުމަށް އަނބުރާ ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅޭގޮތުން ޤައުމާއި މުޚާތަބް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި ވަނީ ބަލި ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުވާލައްވާފައެވެ. ރާއްޖޭގައި ބަލި ފެތުރިފައިވާ ގޮތަށްބަލާއިރު އެންމެ ގިނަ އަދަދަކަށް ބަލި ފެތުރިފައިވަނީ ތޮއްޖެހިގެން ގިނަ އަދަދެއްގެ ބިދޭސީން އުޅޭތަންތަނުންކަމަށެވެ. މިގޮތަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި މިހާރު "ކޯވިޑް-19" ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވެސް މިއީ، މިކަމަށް ހައްލެއް ހޯދުމަށްވެސް މިއަންނަނީ މަސައްކަތް ކުރަމުން. ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި، އެ ތަންތަނަށް 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމަސައްކަތުގައި އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ޤައުމުތަކަށް ފޮނުވަލުމުގެ މަސައްކަތް ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން އަވަށްޓެރި ޤައުމުތަކުގެ ތެރެއިން ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުންދާއިރު، އޭގެ ތެރޭގައި ގަވާއިދާއި ޙިލާފަށް އުޅޭ މީހުންގެ އަދަދުވެސް ގިނަކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޤަވާއިދާއި ޚިލާފަށް އުޅޭ 1500 ބިދޭސީން އެޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ޤައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް މިއަންނަނީ ކުރަމުން. ބަންގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ޤައުމުގެ 1500 މީހަކު، އެ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެ. ގިނަ ޢަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމުވެސް އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯވިޑް-19 މާލޭގައި ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު މާލޭ ސަރަޙައްދުގައި ކުރާ އެއްމެ މުހިންމު މަސައްކަތަކީ ތޮއްޖެހިފައިވާ ތަންތަނުގައި ތިބި ބައްޔަށް ހުށައެޅުމުގެ ފުރުޞަތު ބޮޑު ބިދޭސީން އެތަންތަނުން ބަދަލުކުރުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެއާއި ވިލިވަރު އަދި ތިލަފުށީގައި ބިދޭސީންނަށް ޚާއްސަކޮށްގެން ގިނަ ފެސިލިޓީތަކެއް ތައްޔާރުކޮށް އެތަންތަނަށް ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފައްޓަވާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.