ރިޕޯޓް

ދޭސީ ބިދޭސީއެއް ތަފާތުނުކޮށް، އެކަކު އަނެކަކަށް އަޅާލުމުގައި ދިވެހިން ދައްކާ ނަމޫނާ


ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ އެތައް ބިލިއަން ބަޔަކަށް މިވަނީ އެކި ބާވަތުގެ ދަތިތަކާ ކުރިމަތިވެފައެވެ. ނަމަވެސް ކޮންމެ ޤައުމެއްގައިވެސް މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއްބަޔަކީ ބިދޭސީ މަސައްކަތްތެރިންނެވެ. ހުރިހާ ޤައުމެއްގައިވެސް މިފަދަ މީހުން އުޅެނީ ކުދިކުދި ތަންތަނުގައެވެ. ބައެއް މީހުން މަސައްކަތް ކުރަނީ ދުވަހު މުސާރައަށެވެ. ވަގުތީ ކޮންޓްރެކްޓް އަދި ދާއިމީ ކޮންޓްރެކްޓްތަކުގައި އުޅޭ މީހުން ވެސް ކޯވިޑް-19އާ ގުޅިގެން ދިމާވި ކުއްލި ހާާލަތުގައި ދަނީ އެތައް ދަތި އުނދަގޫތަކަކާއި ކުރިމަތި ލަމުންނެވެ. ރާއްޖޭގައިވެސް ހާލަކީ މިއީއެވެ.

ރާއްޖޭގައި، ހާއްސަކޮށް މާލޭގެ ކުދިކުދި ތަންތަންކޮޅުގައި، ހާލުގައި އުޅޭ މިފަދަ ބިދޭސީންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުންވެސް ދަނީ ގިނަ މަސއްކަތްތަކެއް ކުރަމުންނެވެ. އެފަދަ ފަރާތްތައް ދިރިއުޅޭ ތަންތަނުގެ ހާލަތު ބަލާ، އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކުން ދަނީ ކުރަމުންނެވެ. ނަމަވެސް ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީވަނީ ހަމައެކަނި ސަރުކާރަކުން ނޫނެވެ. މިދަނޑިވަޅުގައި މީސް މީޑިއާ ބަލާލުލުމުން މިކަމުގައި ދިވެހިންގެ ގިނަ ބަޔަކު އުޅޭ ތަންވެސް ފެނެއެވެ.

ޓުވިޓާ، ފޭސްބުކްއަށް ބަލާލިއަސް ފެންނަނީ އަމިއްލަ ބައެއް ވިޔަފާރިތަކުން ބިދޭސީންނަށް ކެއުމާއި، އެހެނިހެން ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާތަނެވެ. މިގޮތުން ބިދޭސީންނަށް އެހީވުމަށް މޯލްޑިވްސް ރެޑް ކްރެޒެންޓާއި، އެހެން ޖަމިއްޔާ ޖަމައަތްތަކުން ކުރަމުންދާ މަސައްކަތަށް އެކި ވިޔަފާރިތަކުން ނާއި އަމިއްލަ ފަރާތްތަކުން ދަނީ އެހީވަމުންނެވެ. ހާލުގައި އުޅޭ ފަރާތްތަކަށް ބޭނުންވާނެ އެކި ބާވަތުގެ އެއްޗެއްތި މިފަދަ ފަރާތްތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. ބައެއް ރެެސްޓޯރެންޓު، ކެފޭ ހިންގަ ފަރާތްތަކުން ދަނީ ބިދޭސީންނަށް ކާނާވެސް ކޮންމެ ފުވަހަކުހެން ފޯރުކޮށްދެމުންނެވެ.

ވިޔަފާރިތައް އެކަންޏެއް ނޫނެވެ. އަމިއްލަ ބައެއް ފަރާތްތަކުންވެސް ކޮންމެވެސް މިންވަރަކުން ދަނީ މިކަމުގައި އެހީތައް ފޯރުކޮށްދެމުންނެވެ. ބައެއް އާންމުން ބިދޭސީންނަށް އަންނައުނާއި، ރީތިވާ ސާމާނު ފޯރުކޮށްދެމުންދާއިރު، އަނެއްބައި މީހުންދަނީ ކޮންމެ ދުވަހަކުވެސް ކޮންމެސް އަދަދަކަށް ކާތަކެތި މިފަދަ ފަރާތްތަކަށް ފޯޯރުކޮށްދެމުންނެވެ.

ހަމައެކަނި މިއެއް ނޫނެވެ. މިދަނޑިވަޅުގައި ދިވެހިން ދިވެހިންނަށް އެހީވާ މަންޒަރުވެސް މީސްމީޑިއާއާއި ނޫސްތަކުގެ ސުރުހީތަކުން ފެންނަލެއް މަދެއް ނޫނެވެ. ގޭގޭ ކުއްޔަށް ދީގެން އުޅޭ ފަރާތްތަކުން ކުލި ހެޔޮކޮށްދީ، އަނެއްބައި ފަރާތްތަކުން އެކުގައި ކުލި މާފުކޮށްދޭ މަންޒަރުވެސް އެބަ ފެނެއެވެ. ޒަރޫޒީ ބޭނުންތައް ފުށްދުމަށް ނުކުޅެދިފައިވާ އެތައް ބަޔަކަށް އެހީވާ މަންޒަރުވެސް އެބަފެނެއެވެ. މިއީ މުޅިދުނިޔެއިން މިދަނޑިވަޅުގައި އެއްބައިވަންތަކަން ދައްކަން ގޮވަމުންދާއިރު އަޅުގަނޑުމެންގެ މުޖްތަމައުއިން ފެންނަ އުފާވެެރި މަންޒަރުތަކެކެވެ. މިއިން ކޮންމެ ކަމެއް ފެންނަ ހިނދު އިންސާނިއްޔަތަށް އޮންނަ އުންމީދު އާވެއެވެ. ދިވެހިންގެ ހިތްހެޔޮކަމުގެ އަމަލުތައް ފެނި ފަހުރުވެރިވެއެވެ.

މިއީ މިފަދައިން ދިމާވާ ކޮންމެ ކަމެއްގައިވެސް ދިވެހިން ދައްކާ ރިވެތި ނަމޫނާއެކެވެ. ހާލުގައި ބަޔަކު ޖެހިއްޖެ ހިނދު ވިދެހިންގެ ތެރެއިން އަބަދުވެސް ފެންނާނީ އެކަކު އަނެކަކަށް އަޅާލާ އެހީތެރިކަމުގެ އަތް ދިއްކުރާ މަންޒަރެވެ. މިކަމުގައި ވަކި ދޭސީއެއް ބިދޭސީއެއް ތަފާތެއް ނުކުރެއެވެ. މިއީ ރޯދަ މަހާދިމާކޮށް، ކުރެވެންއޮތް އެންމެ ރަގަނޅު އަމަލުވެސް މެއެވެ.