ދީން

މާލޭގެ ގިނަ މިސްކިތްތަކެއް މަރާމާތުކުރަން ޖެހިފައި


މާލޭގެ ބައެއް މިސްކިތްތަކަކީ، ބޮޑެތި މަރާމާތުތަކެއް ކުރަންޖެހިފައިވާ މިސްކިތްތަކެއް ކަމަށާއި، ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ފަށާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. މިސްކިތްތަކުގެ ހާލަތު ބެއްލުމަށްޓަކައި، މާލޭގެ މިސްކިތްތަކަށް ޒިޔާރާތްކުރުމުގެ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓްރީން މިހާރު ދަނީ ކުރިއަށްގެންދަވަމުންނެވެ. މާލޭގެ ބައެއް މިސްކިތްތަކުގެ ހާލަތު ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ، މާލޭގެ ގިނަ މިސްކިތްތަކެއް އެކަށީގެންވާގޮތެއްގައި ބެލެހެއްޓިފައިނުވާތީ، ބޮޑެތި މަރާމާތުތަކެއް ކުރަންޖެހިފައިވާކަމަށެވެ. އެގޮތުން ބައެއް މިސްކިތްތަކުގެ މުށިތައް ހަލާކުވުމާއި، ސައުންޑް ސިސްޓަމްތަކަށް މައްސަލަ ދިމާވުމާއި، ސީލިންގުން ފެން ލީކްވުންފަދަ ކަންކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން، މާލޭގެ 36 މިސްކިތަކަށް އެމިނިސްޓްރީގެ ފަރާތުން ޒިޔާރަތްކޮށް، އެތަންތަނުގެ ހާލަތު ބައްލަވާ، ބޭނުންވާ މަރާމާތުގެކަންކަން އޮޅުފިލުވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ، ބައެއް މިސްކިތްތަކުން ފެންނަންނުވާ ކަހަލަ މަންޒަރުތައްވެސް ފެންނަކަމަށެވެ. އެގޮތުން މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ އަމަލުތައް ބައެއް ފަރާތްތަކުން ކުރަމުންދާކަމަށާއި، އެކަމާއި ހިތާމަކުރައްވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި، މިސްކިތްތަކުގެ އާއްމު ސާފުތާހިރުކަން ބެލެހެއްޓޭނެފަދަ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރައްވަމުންދާކަމަށް މިނިސްޓަރ ޑރ. ޒިޔާދު ފާހަގަކުރެއްވިއެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީގެ މިސްކިތްތަކުގެ ހާލަތު ބެލުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ޓީމެއް ވަރަށް އަވަހަށް އައްޑޫ ސިޓީއަށް ދިޔުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އައްޑޫ ސިޓީގެ 67 މިސްކިތެއްގެ ތެރެއިން އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ނުވާ 3 މިސްކިތެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ މިނިސްޓަރ ވިދާޅުވީ، އެ ތިން މިސްކިތްވެސް މިނިސްޓްރީގެ ބެލުމުގެ ދަށަށްގެނެސް، މިސްކިތްތަކަށް ބޭނުންވާ އިމާމުން ހަމަޖެއްސުމާއި، މަރާމާތުކުރުމުގެ ކަންކަން ކުރިއަށްގެންދަވާނެކަމަށެވެ. މާލޭއާއި އަތޮޅުތަކުގެ ގިނަ މިސްކިތްތަކެއްގައި މަރާމާތުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާއިރު، އެކަމަށް ވަރަށް ބޮޑު ޙަރަދެއް ހިނގާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.