ރާއްޖޭގެ ދެކުނަށް ޚާއްސަކޮށްގެން އައިސޮލޭޝަން ފެސިލިޓީ ހަދާފައިވަނީ އައްޑު އަތޮޅު ހެރެތެރެ އައިލެޑް އިސޯޓްގައިކަމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އަށް ޚާއްސަކޮށްގެން ޕީއެސްއެމް ނިއުސްއިން ގެނެސްދެމުންދާ ލައިވް ކަވަރޭޖްގައި ފޯނުން ދެއްވި އިންޓަވިއުގައި، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އުތުރާއި ދެކުނުގައި ހަދާ ފެސިލިޓީތައްވެސް ނިމިފާކަމަށެވެ. އެގޮތުން އުތުރުގައި ދޮނަކުޅި ހައިޑްއަވޭ ރިސޯޓް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ފަށައި ށ.އަތޮޅުންނާއި ހއ.އަތޮޅުން ކޯވިޑަށް ޕޮސިޓިވްވި މީހުން ވަނީ އެ ރިސޯޓްގެ އައިސޮލޭޝަށް ފެސިލިޓީއަށް ބަދަލުކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށާފައެވެ.
އެރިސޯޓްގައި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ސަތޭކައެއްހާ ކޮޓަރިވަނީ ތައްޔާރުކޮށްފައެވެ. އައިސޮލޭޝަން ފެސިލިޓީ ހަދާ ރަށްތަކުގެ އިތުރަށް ސްޓޭންޑްބައިގައިވެސް ރިސޯޓްތައް ބަހައްޓާފައިވާކަމަށް މިނިސްޓަރ ޢަލީ ވަހީދުވަނީ ވިދާޅުވެފައެވެ.
"ދެކުނުގައި މިހަދަނީ ރާއްޖޭގައިވެސް އޮތް އެންމެ ބޮޑު އެއްރިސޯޓް ހެރެތެރެ ރިސޯޓް ފެސިލިޓީއަކަށް. އެއީ 270ކޮޓަރި. އަދި ސްޓޭންޑްބައިގަވެސް ރަށެއް ބޭއްވުމަށް ވަނީ މަޝްވަރާކޮށް ރަށެއް ހޯދާފައި. އުތުރުގައިވެސް ދޮނަކުޅީގެ އިތުރަށް މިހާރުވަނީ ސްޓޭންޑްބައިއަށް އިތުރު ރަށެއް ހަމަޖައްސާފަ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އިތުރު ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަށް ހެދުމަށްވެސް ރިސޯޓްތަކާއި ކަމާގުޅުންހުރި އިދާރާތަކާއިއެކު މަޝްވަރާކުރަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކަމުގައި ރާއްޖޭގެ ވަކި ސަރަޙައްދެއް އިސްތިސްނާ ނުކުރާނެކަމަށެވެ. ދެކުނުންވެސް ބަލި ފެނިފައި ނުވިނަމަވެސް، އެ ސަރަޙައްދުގައިވެސް ވަސީލަތްތައް ޤާއިމުކޮށް ތައްޔާރީ ޙާލަތުގައި އޮތްކަން މިނިސްޓަރ އަލީ ވަހީދު ފާހަގަކުރެއްވިއެވެ.
މިދުވަސްވަރަކީ ރާއްޖެއިން ބަލި ފެންނަ މިންވަރު އިތުރުވާނެ ދުވަސްވަރުކަން މީގެ ކުރިން ހަދާފައިވާ ދިރާސާތަކުންވެސް ދައްކާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ފެސިލިޓީތައް ހެއްދުމަށްދޭ ސަމާލުކަމާއި އެއްވަރަށް، މިކަމަށް އާއްމުން ހޭލުންތެރިވެ ބަލި ފެތުރުން ކުޑަކުރުމަށް އަމިއްލައަށްވެސް ފިޔަވަޅުއެޅުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ރަށްތަކަށް ބަލި ފެތުރުނަނުދިނުމަށް ރައްކާތެރިވުމަށް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.