ޚަބަރު

ރާއްޖެ ގެންނަ މުދާ ކްލިއަރ ކުރުމަށް އެމްޕީއެލްގެ 160 މުޢައްޒަފުން ޕޯޓުގައި ލޮކްޑައުުންގައި


ކޯވިޑް 19 ޖެހިފައިވާ ގިނަ ބަޔަކު މާލެއިން ފެނުމާއި ގުޅިގެން މިހާރު ހުރިހާ މުޢައްސާތަކުގެ މަސައްކަތްތައްވެސް ބައްޓަންކޮށްފައިވަނީ މިބަލީގެ އެންމެ ގޯސް ހާލަތުގައި ޚިދުމަތްދޭ އުސޫލަށެވެ.

މިވަގުތު ދެމުންދާ އެންމެ މުހިިންމު ޚިދުމަތަކީ ރާއްޖެއަށް ގެންނަ ކާބޯތަކެއްޗާއި އެހެނިހެން މުދާ މާލެއަށް ބާލާ، އެ މުދާ ކްލިއަރ ކުރުމުގެ މަސައްކަތެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާޑާއި އަދި މިނޫންވެސް ޒަރޫރީ ކާބޯތަކެއްޗާއި އަދި އެހެނިހެން ޒަރޫރީ ތަކެތި އާއްމު ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރާ އެންމެ މުހިންމު މަސައްކަތެވެ. މި މަސައްކަތަށް ބުރޫ އަރައިފިނަމަ، ވިޔަފާރިވެރިންނަށާއި އާއްމުނާއި ހަމައަށް ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް އަންނާނެއެވެ.

މުޅި މާލެ ލޮކްޑައުންއަކަށް ގޮސްފައިވާއިރުވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ މުޢައްޒަފުންދަނީ ޕޯޓުގެ މަސައްކަތްތައް ހުއްޓުމަށް ނުގެނެސް ޚިދުމަތް ދެވޭނެހެން މަސައްކަތްތައް ހަަމަޖައްސަމުންނެވެ. ދުރާލާ މި ޙާލަތަށް ތައްޔާރުވަމުން އައިސް، މިހާރު ލޮކްޑައުންގެ ޙާލަތުގައި އެމްޕީއެލްގެ 160 މުޢައްޒަފުން ތިބީ މުދާ ބާލާ ކްލިއަރ ކުރިމުގެ ޚިދުމަތް ދިނުމަށް ޕޯޓުގައި ލޮކްޑައުންވެގެންނެވެ.
މީގެތެރޭގައި ޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެކި ދާއިރާތަކުގެ މުޢައްޒަފުން ހިމެނެއެވެ. އޭގެ ތެރޭގައި ވެހިކަލް އޮޕަރޭޓަރުންނާއި ފޯކްލިފްޓް ޑްރައިވަރުންނާއި އިންޖިނިއަރުންނާއި ސެކިއުރިޓީ މުޢައްޒަފުން ހިމެނެއެވެ. ޕޯޓް މަސައްކަތަކީ އެކަމަށް ޚާއްސަ ވަކި ތަމްރީންތަކެއް ލިބިފައިވާ ބަޔަކަށް ކުރެވޭ މަސައްކަތެކެވެ. ވިޔަފާރި ބަނދަރެއްގެ އޮޕަރޭޝަނަށް ބޭނުންވާ ޕޯޓް ވެހިކަލް އޮޕަރޭޓްކުރުމުގެ ތަމްރީން ލިބިފައިވާ އޮޕަރޭޓަރުން ރާއްޖޭގައި ތިބީވެސް މައެކަނި އެމްޕީއެލްގައެވެ.

ވީހާވެސް މަދު މުއައްޒަފުން ބޭނުންކޮށްގެން ލޮކްޑައުންގައި މަސައްކަތް ކުރަން ނިންމީ މުއައްޒަފުންގެ ރައްކާތެރިކަމާއި، އަދި އާއްމުންގެވެސް ރައްކާތެރިކަމަށް ބަލައިގެންނެވެ. އަދި ޕޯޓު ތެރޭގައި މަސައްކަތްކުރާއިރާއި، މަޖޫރީންނާއިއެކު މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރާ އިރުވެސް، ވީހާވެސް ރައްކާތެރިކޮށް ޚިދުމަތްދެވޭނެހެން ކަންކަން ރާވާފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ. އެގޮތުން ރައްކާތެރިކަމުގެ ގޮތުން މާސްކާއި އަންގި ބޭނުންކުރުމާއި އަދި ގައިދުރުކަން އިސްކުރުމަށް ޚާއްސަ ސަމާލްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެއެވެ.

އަދި މުދާ ހިފައިގެން ބޭރުން އަންނަ އުޅަނދުތަކުގެ މީހުންވެސް ދަނީ ކޯވިޑްގެ އަލާމަތްތައް ހުރިތޯ ބެލުމަށް ސްކްރީންކުރަމުންނެވެ.

ވިޔަފާރި ބަނދަރުގެ ތެރޭގައި މަސައްކަތްކުރާ މުޢައްޒަފުންގެ އިތުރަށް އިދާރީ ހުރިހާ މުޢައްޒަފުންވެސް މަސައްކަތްކުރަނީ ގޭގައި އޮންލައިންކޮށް ކަމަށް އެމްޕީއެލްއިން ބުނެއެވެ.