ޚަބަރު

ޖާޕާނުން ރާއްޖެއަށް، 8.4 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ހިލޭ އެހީ


ޔުނިސެފާއި ރެޑް ކްރެސެންޓް މެދުވެރިކޮށް، ޖާޕާނު ސަރުކާރުން ރާއްޖެއަށް 8.4 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ޔުނިސެފްއާ ރެޑް ކްރެސެންޓް މެދުވެރިކޮށް 8487168 (އަށް މިލިޔަން ހަތަރު ލައްކަ އަށްޑިހަ ހަތްސަތޭކަހާސް އެއްސަތޭކަ ފަސްދޮޅަސް އަށްރުފިޔާ) ގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާކަމަށެވެ.

އެގޮތުން ޔުނިސެފް މެދުވެރިކޮށް 5،634،468 ދިވެހި ރުފިޔާ، އަދި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،852،700 ދިވެހި ރުފިޔާ، ޖަޕާން ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވާފައިވާކަމަށް އެމިނިސްޓްރީ މައުލޫމާތުދެއްވިއެވެ. މިއެހީ ބޭނުން ކުރެވޭނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ސިސްޓަމްތައް ޤާއިމްކުރުމަށްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިފަދަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޖަޕާން ސަރުކާރާއި ރައްޔިތުން ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުންވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ކޯވިޑް-19އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުންދެކޭކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވިއެވެ.

ޖަޕާނަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެއް ޤައުމެވެ. އެޤައުމުން ވަނީ ރާއްޖޭގެ ތައުލީމާއި، އުމްރާނީ ތަރައްޤީގެ އިތުރުން މޫސުމީ ބަދަލުތަކަށް އެޑެޕްޓްވުމަށް ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ޖަޕާނަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ރާއްޖެއަށް އެންމެ ފުރަތަމަ މާލީ އެހީތެރިކަން ފޯރުކޮށްދިން އެއް ޤައުމެވެ.