ޚަބަރު

ސްކްރީނަށް ބަލަހައްޓައިގެން ހުންނަ ވަގުތު މަދުކުރަންޖެހޭ


ކޯވިޑް-19އާ ގުޅިގެން ސަރުކާރު ބަންދުކޮށް، އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް ފުރަބަންދު އިއުލާންކުރީމަ އާބާދީގެ ބޮޑު ބައެއް ތިބެނީ ގޭގައެވެ. ކުރާ ހުރިހާ ކަމެއް ބަރޯސާ ވެފައި މިވަނީ އެކި ބާވަތުގެ ސްކްރީންތަކަށެވެ. ހަބަރާއި މައުލޫމާތު ހޯދުމަށް، މަސައްކަތް ކުރުމަށާއި ކިޔެވުމަށް، އާއިލާއާއި ރަށްޓެހިންނާއި ގުޅުން ބަދަހިކުރުމަށް އަދި މުނިފޫހިފިލުވުމަށްވިޔަސް ބޭނުން މިކުރަނީ ޓީވީ، ފޯނު، ޓެބްލެޓް އަދި ކޮންޕިއުޓަރު ފަދަ ތަކެއްޗެވެ..

ބައެއް ހޯދުންތަކުން ދައްކާގޮތުން މީގެ އަހަރެއް ކުރިން އާންމުކޮށް މީހަކު ކޮންމެ ދުވަހަކުވެސް ސްކްރީންނަށް ބަލަނީ މަދުވެގެން 10 ގަޑިއިރު އެވެ. ނަމަވެސް މިހާރު މިއަދަދު މިވަނީ މަދުވެގެން 13 ގަޑިއިރަށް އިތުރުވެފައެވެ. މިކަމުގައި ކުޑަ ކުއްޖެއް، ބޮޑު މީހެއް ތަފާތެއް ނެތެވެ. ކުޑަކުދިންވެސް ބޭރަށް ނުގޮސް، ގޭގައި ބަންދުވެފައި ހުންނާތީ ކިޔެވުމަށާއި، މުނިފޫހި ފިލުވުމަށްވެސް ބަރޯސާ މިވަނީ ފޯން، ޓެބްލެޓް ނުވަތަ ކޮންޕިއުޓަރަށެވެ. ހާލަތު ހުރިގޮތުން އަވަސް މުސްތަޤްބަލެއްގައި މިކަން ބަދަލު ވުމެއްވެސް ނެތެވެ. އެހެންވެ ރައްކާތެރިކަމާއެކު، ލޮލާއި ގެއްލުން ނުވާނެހެން މިފަދަ ވަސީލަތްތައް ބޭނުންކުރުން މުހިއްމެވެ.

ލަންޑަންގެެ މޫރްފިލްޑް އައި ހޮސްޕިޓަލްގެ ޑރ ރާޖް މަތޫރީ މައުލޫމަތުދޭ ގޮތުގައި ގިނައިރު ފޯނު، ޓެބްލެޓް، ކޮންޕިއުޓަރު ގެ ސްކްރީންނަށް ބެލުމުން ލޯ ފުސްވެ، ލޯ ވަރުބަލިވުމާއި، ލޯ ހިކި، ހިރުވާ ގޮތް ވެއެވެ.

އޭނާ ބުނީ ލޮލަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކާ، ނުހުއްޓި އެންމެ ގިނައިރު ސްްކްރީނަށް ބަލަންވާނީ 20 މިނެޓުކަމަށެވެ. އަދި ގިނަ އިރު ސްކްރީންނަށް ބަލާނަމަ ކޮންމެ 20 މިނެޓަކުން ސްކްރީން ބްރޭކެއް ނަގާ އެހެން ތަނަކަށް 20 ސިކުންތު ބެލުން މުހިންމުކަމަށެވެ. އެއީ ކައިރީގައި އިންނަ އެއްޗަކަށް ގިނަ އިރު ބެލުމުން ލޮލުގެ ނާރުތަކާއި މަސްތަކަށް ބާރުކުރާނެތީ އެއަށް ލުޔެއް ދިނުން މުހިންމު ވީމައެވެ.

އަލިގަދަ ސްކްރީންތަކަށް ގިނައިރު ބެލުމުގެ ސަބަބުން ކަޅި ޖެހޭލެއް މަދުވެ، ލޮލުގެ ތެއްކަން ކުޑަވެ، ލޯ ހިކުމުން ހިރުވާ އެހެން މައްސަލަތައް ދިމާވާނެކަމަށް ޑރ މާތޫރީ ބުނިއެވެ. އެހެންކަމުން ސްކްރީންތަކަށް ބަލާއިރު ވީހާވެސް ގިނައިން ދޭތެރެދޭތެރެއިން ކަޅިޖެހުން މުހިންމު ކަމަށް ޑރ މާތޫރީ ބުނިއެވެ. ގިނައިރު ސްކްރީންތަކަށް ބަލާމީހުންނަށް ލޯ ހިރުވާ، ހިކޭ ގޮތް ވާނަމަ "އާރޓިފިޝަލް ޓިއާޒް" ނުވަތަ ލޯ ހިކުމުން ހުއްޓުވުމަށް ބޭނުންކުރާ ޑްރޮޕްސް ބޭނުންކުރުން ބުއްދިވެރިކަމަށް އޭނާ ބުނިއެވެ.

މީގެއިތުރުންވެސް ކޮމްޕިއުޓަރ ކައިރީގައި ގިނަ އިރު މަސައްކަތް ކުރާނަމަ، މީހާ އިންނަންވާނީ ސްކްރީނާއި 18-30 އިންޗި ދުރުމިނެއްގައި ކަމަށް ޑރ މާތޫރީ ބުނިއެވެ.

ބައެއް ލޮލުގެ ޑޮކްޓަރުން ބުނާގޮތުގައި ކޮންޕިއުޓަރުގެ ސްރީން އިންނަންވާނީ މީހާ އިންނަ އުސްމިނަށްވުރެ ތަންކޮޅެއް ތިރިކޮށެވެ. އޭރުން ލޮލުގެ އެއްބައި ލެއްޕިފައި އިންނާތީ މީހާގެ ލޯ ހިކުމުން ރައްކާތެެރި ކޮށްދޭނެތީއެވެ.

ފޯނާއި، ކޮންޕިއުޓަރު އަދި ޓެބްލެޓް ބޭނުންކުރާއިރު ހުންނަ ތަނުގެ އަލި މަޑުކޮށް ބެހެއްޓުމުންވެސް ލޮލަށް ފަސޭހަ ވާނެއެވެ. އަދި ސްކްރީން ސާފުކޮށް ބެހެއްޓުމަކީވެސް މުހިންމު ކަމެކެވެ.

ހާއްސަކޮށް ރޭގަނޑު ގިނައިރު ސްކްރީންތަކަށް ބެލުމުން ނިދި ގެއްލޭ ގޮތްވާކަމަށް ހޯދުންތަކުން ދައްކައެވެ. އެއީ ސްކްރީންތަކުގައި ހުންނަ ނޫއަލީގެ ސަބަބުން ކަމަށް މާހިރުން ބުނެއެެވެ. އެހެންކަމުން ރޭގަނޑު ސްރީންނަށް ބަލާ މިންވަރު މަދުކުރުން މީއީ ކުރެވިދާނެ ކަމެކެވެ.

ނަމަވެސް މިހުރިހާ ބަދަލުތަކެއް ގެނެއުމުންވެސް، ލޯ ހިރުވާ، ލޮލުގެ ފެނުން ފުސްވެ، ބޮލަށް ތަދުވެ، އެހެން އުނދަގޫތަކެއް ވާނަމަ ޑޮކްޓަރެއްގެ ލަފާހޯދުން މުހިއްމެވެ. މިދުވަސްކޮޅު ޑޮކްޓަރަށް ދާން ފުރުސަތު ނުލިބިއްޖެނަމަ އޮންލައިންކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ. އަދި ސްކްރީންތަކަށް ބަލާ މިންވަރު މަދުކުރުންވެސް މުހިއްމެވެ.