ޚަބަރު

ނޯތު ހާބަރާއި ޓީ - ޖެޓީއަށް ވަނުމުގެ ހުއްދަ އޮންލައިންކޮށް ދޭން ފަށަނީ


ނޯތު ހާބަރާއި ޓީޖެޓީ ބޭނުންކުރުމަށް އޮންލައިންކޮށް ހުއްދަ ނެގޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް އަބްދުﷲ ވިދާޅުވީ ބަނދަރަށް ވަނުމަށް ހުއްދަ ދޫކުރަނީ ޓީޖެޓީއާއި ނޯތު ހާބަރުގައި ބަހައްޓާފައި ހުންނަ ޑެސްކުންކަމަށެވެ. އަދި ހުއްދަ ދޫކުރުމުގެ ކަންކަން ކުރިއަށްގެންދެވެނީ ކަނޑައެޅާފައިވާ ވަކި ވަގުތުތަކެއްގައިކަމަށް އިބްރާހީމް އަބްދުﷲ ވިދާޅުވިއެވެ.

"އީ ޕަރމިޓް ސިސްޓާމެއް އަޅުގަނޑުމެން އެބަ ޤާއިމުކުރަން. އޭރުން އޮންލައިންކޮށް ހުއްދައަށް ރިކުއެސްޓް ކުރެވޭނެ. ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އީ ޕަރމިޓް ދޫކުރަން ފަށާނަން. މިހާރު މި ހުއްދަ ދޫކުރުން އޮންނަނީ ހެންދުނު 9އިން މެންދުރު ފަހު 03:30އާއި ރޭގަނޑު 21:00އިން 01:00އަށް ޑެސްކަށް އައިސްގެން. ނަމަވެސް އީ ޕާމިޓާއިއެކު 24 ގަޑިއިރު ހުއްދަ ދޫކުރެވޭނެ." އިބްރާހީމް ޢަބްދުﷲ ވިދާޅުވިއެވެ.

އެމްޕީއެލްއާއި އެލްޖީއޭއާއި އެމްއެންޑީއެފާއި އިކޮނޮމިކް މިނިސްޓްރީއާއި ފުލުހުން އަންނަނީ ޚާއްސަ އުސޫލަކުން ރާއްޖޭގެ ބަންދަރުތައް ބަލަހައްޓަމުންނެވެ. އެގޮތުން އެއްފަހަރާ ވީހާވެސް މަދު އޮޑިފަހަރު ބަނދަރަށް ވައްދައިގެން މަސައްކަތް ކުރަމުންދާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެގޮތުން ކާޑާއި ގޭހާއި ފެންފަދަ ޒަރޫރީ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެހެންވަނީ އިންތިޒާމްތައް ހަމަޖައްސާފައެވެ.
އަދި ރައްކާތެރިކަން ކަށަވަރުކުރުމަށް، ބޯޓުންއަންނަ އެއްވެސް މީހަކަށް މާލެއެރުން މަނާކުރުމާއި، މުދާ ބޯޓަށް ގެންނަ މީހުންނަށްވެސް ބޯޓުތަކަށް ނޭރޭގޮތަށްވަނީ ހަމަޖައްސާފައެވެ.

"މާލޭގައި ތިބި އާއިލާ މީހުންނަށް ހަދިޔާ ފޮށިގަނޑު ފޮނުވޭނެ އިންތިޒާމެއްވެސް ނޭޝަނަލް އެމަޖެންސީ އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ގުޅިގެން ހަމަޖައްސަމުންމިދަނީ. އެކަން ކުރެވޭނީ ކޮން ގޮތަކުންތޯ އެބަ ބަލަން." އިބްރާޙީމް އަބްދުﷲ ވިދާޅުވިއެވެ.

އެމްޕީއެލްއާއި ކަމާގުޅޭ ފަރާތްތަކުންވަނީ، ޚާއްސަކޮށް ރަށްރަށަށް ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި ގެންދާ އުޅަނދުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައެވެ. މިގޮތަށް މިހާރު ބޯޓުތަކަށް މާލެ އައިސް ގޮސް ހެދެނީ ޚާއްސަ ހުއްދަތަކަކާއެކުއެވެ.