ޓުއަރިޒަމް

ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ޖުލައިމަހު ފަތުރުވެރިން ގެންނަން މަސައްކަތްކުރަނީ


މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ފަތުރުވެރިކަން އަލުން ފެށޭނެކަމުގެ އުއްމީދު އެބައޮތްކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ސީއެންއެންގެ "ކުއެސްޓް މީންސް ބިޒްނަސް"އަށް ދެއްވި އިންޓަވިއުއެއްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ކޯވިޑްގެ ސަބަބުން މިވަގުތު ރާއްޖޭގައި ފަތުރުވެރިކަން ހިންގުމަށް ހުރަސްތަކެއް އެބަހުރިކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޓުއަރިޒަމް އަލުން ފެށޭނެ ގޮތްތަކެއް ހޯދުމަށް ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމުޢިއްޔާ، ޔޫއެން ޑަބްލިޔުޓީއޯއާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި ކޯވިޑް ކޮންޓްރޯލްވާ މިންވަރަކަށް ބަލާފައި އަންނަ ޖުލައިމަހު ފަތުރުވެރިކަން ފެށޭނެކަމުގެ އުއްމީދު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބޯޑަރު ހުޅުވާލާނީ މި ހާލަތުން އަރައިގަނެވުނީމަ. މި ވަގުތަށް ބަލާއިރު އަހަރެމެން މި ތިބީ ތޫފާނުގެ މެދުތެރޭގައި. މި ހާލަތުން އަރައިގަތުމުގެ މަސައްކަތްތައް މިދަނީ ކުރަމުން. އުއްމީދަކީ ތިން ވަނަ ކުއާޓަރުގައި އެކަން ކުރެވޭނެ ކަމަށް. އެއީ ޖުލައި އިން ފެށިގެން ސެޕްޓެމްބަރަށް. މި ވަގުތު މަސައްކަތް މި ކުރަނީ ރާއްޖެ އަކީ އެންމެ ރައްކާތެރި ޓޫރިސްޓުންގެ މަންޒިލުގެ ގޮތުގައި ބޭއްވުމަށް،" މިނިސްޓަރ ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އަލުން ފަތުރުވެރިކަން ފަށާނީ ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ރިސޯޓްތަކާއި އެއަރޕޯޓުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުކަމަށެެވެ. އަދި އަލުން ފަތުރުވެރިކަން ފެށުމަށްޓަކައި މިހާރު ހަދަމުންދަާ ދިރާސާތައް މިމަހުގެ ތެރޭގައި ކެބިނެޓާއި މަޖިލީހަށް ހުށަހަޅުއްވާނެކަމަށްވެސް އަލީ ވަޙީދު ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް ފެތުރެމުންދިއުމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިދިޔަމަހު މާޗުމަހުގެ ތެރޭގައި ވަނީ ފަތުރުވެރިންނަށް ބަންދުކޮށްފައެވެ. އެއާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ. ޓުއަރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވާ ގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ 500 އެއްހާ ފަތުރުވެރިންނެވެ. އަދި އެމީހުންނަށް މިވަގުތު ޚަރަދުކުރަމުން ދަނީ ސަރުކާރުންކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.