ރިޕޯޓް

ކޯވިޑް-19 : ދުރުގައިތިބޭއިރު އަޅާލާކަން ދެއްކުމަށް ފޭސްބުކްގެ ކެއަރ އިމޯޖީ


އިންސާނުންގެ އާންމު ދިރިއުޅުން މިވަނީ އެކުގައިހެން ބަދަލުވެފައެވެ. އަހަރު ފެށުތަނާ މުޅިދުނިޔެއަށް ލައިގަނެފައިވާ ކޯވިޑް19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އެއްފުރާޅެއްގެ ދަށުގައި އުޅޭ މީހުން ފިޔަވާ ދެން ތިބި އެންމެންނާއި ގައިދުރުކަން ދަމަހައްޓަން ފުރަބަންދުވެ ތިބެންވަނީ ޖެހިފައެވެ.

މިދަނޑިވަޅުގައި ގިނަ ބައެއްގެ ލޯބިވާ އާއިލާ އާއި ރައްޓެހިންނާއި ދުރުގައި ތިބެން ޖެހޭ ހިނދު އެކަކު އަނެކަކާމެދު ގުޅުން ދަމަހައްޓާ ބަދަހިކުރަން ޖެހިފައިމިވަނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިންއިންނެވެ. އެގޮތުން މީސްމީޑިއާއަކީ މިހާރު އެކަކު އަނެކަކާ ގުޅުން ބަދަހިކުރެވެން އޮތް އެންމެ ފަސޭހަ ވަސީލަތްތަކެވެ.

މިދަނޑިވަޅުގައި އެންމެންނާއި ދުރުގައި ތިބޭއިރު، އެކަކު އަނެކަކާ އަޅާލާކަން ދެއްކުމަށް ޚާއްސަކޮށް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކުން މިވަނީ "ކެއަރ" އިމޯޖީތަކެއް ނެރެފައެވެ. އެގޮތުން ފޭސްބުކް މެސެންޖަރއަށް ޚާއްސަކޮށް، ވިންދުޖަހަޖަހާ އިންނަ ހިތެއް އަދި ފޭސްބުކް ފީޑަށް ޚާއްސަ ކޮށް، ރަތްކުލައިގެ ހިތެއްގައި ބައްދާލައިގެން އިންނަ އިމޯޖީއެއްވަނީ ތަޢާރަފްކޮށްފައެވެ.

މިއީ ދުރުގައި ތިބޭއިރު، މިދަނޑިވަޅުގައި އެކަކު އަނެކަކާ އަޅާލާކަން ދެއްކުމަށް މަގު ފަހިކޮށްދިނުމަށް ތަޢާރަފްކުރި އިމޯޖީތަކެއް ކަމަށް ފޭސްބުކުން ބުނެއެވެ.

"ކެއަރ އިމޯޖީ" އޭޕްރީލް މަހުގެ ފަހުކޮޅު އެކި ރީޖަންތަކަށް ދޫކޮށްފައިވާއިރު ހަފްތާއެއްހާ ދުވަސް ކުރިން މަޑުމަޑުން ދިވެހިރާއްޖޭގައި ފޭސްބުކް ބޭނުންކުރާ މީހުންނަށްވެސް މިވަނީ މިއިމޯޖީ ބޭނުންކުރަން ފުރުސަތު ލިބިފައެވެ. މިއިމޯޖީ އަދި ނުލިބޭނަމަ ދުވަސްކޮޅެއްގެ ތެރޭގައި ފޭސްބުކް ބޭނުންކުރާ ހުރިހާ ފަރާތަކަށްވެސް އޮޓަމެޓިކުން އަޕްޑޭޓް ވާނެކަމަށް ފޭސްބުކުން މައުލޫމާތުދެއެވެ.

ފޭސްބުކް މެސެންޖަރ އަދި ފޭސްބުކް ފީޑުގައި އެކި މީހުން ފޮނުވާ އަދި ޕޯސްޓް ކުރާ އެއްޗެއްސަށް ރިއެކްޓް ކުރެވޭ އެކި އިމޯޖީ ނުވަތަ އެކި އިހުސާސްތަށް ދައްކުވައިދޭ ފިއްތައް ހުރެއެވެ. އޭގެ ތެރެއަށް އެންމެ ފަހުން މިއިތުރުވީ ކެއަރ އިމޯޖީއާކީ ކޯވިޑް-19 ގެ ސަބަބުން އެކަކު އަނެކަކަށް އަޅާލުން ދެއްކުމަށް ޚާއްސަކޮށް ނެރެފައިވާ އިމޯޖީއެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެހެން މީސްމީޑިއާތަކުންވެސް ކޯވިޑް-19 އާއި ގުޅިގެން ދަނީ ތަފާތު ކަންތައްތައް ކުރަމުންނެވެ. މީގެތެރޭގައި ބައެއް އެޕްލިކޭޝަންތަކުން އެޑްތައް ދެއްކުން މަދުކޮށްފައިވާއިރު، މެސެޖްކުރާ ބައެއް އެޕްތަކުންދަނީ ކޯވިޑް-19 ގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ. އަދި އާންމުން ހޭލުންތެރިކުރުވުމަށް އެކި ކަންކަންވެސް އަންނަނީ ކުރަމުންނެވެ.