ޚަބަރު

ކޯވިޑް-19 : ގުޅީފަޅުގައި ޢިމާރާތްކުރާ ކަރަންޓީން ފެސިލިޓީގެ މަސައްކަތް ސަރުކާރުގެ އިސްވެރިން ބައްލަވާލައްވައިފި


ކޯވިޑް-19ގެ ހާލަތުގައި ބިދޭސީން ކަރަންޓީންކުރުމަށް ގުޅީފަޅުގައި ޢިމާރާތްކުރާ ކަރަންޓީން ފެސިލިޓީގެ މަސައްކަތް ކުރިއަށްދާގޮތް ސަރުކާރުގެ އިސްވެރިން ބައްލަވާލައްވައިފިއެވެ. މި ތަންތަން ޒިޔާރަތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒްސް ޢިމްރާން ޢަބްދުﷲއާއި ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން މޯލްޑިވިއަން ރެޑް ކްރެސެންޓްގެ އިސްފަރާތްތައްވެސް ބައިވެރވިވެޑައިގެންނެވިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ، ތިންހާހެއްހާ ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގުޅީފަޅުގައި ތަރައްޤީކުރަން ފަށައި ނުނިމި ހުރި އިމާރަތްތައް ތަރައްޤީކުރަމުންދާކަން ހާމަކުރައްވާފައެވެ. އެގޮތުން އެތަންތަނުގައި ފާޚާނާތައް ބަހައްޓާ، ދިރިއުޅެވޭގޮތަކަށް އެތަންތަން ތަރައްޤީކުރމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހޯމް މިނިސްޓްރީއިން ކުރި ޓުވީޓް

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ތޮއްޖެހިގެންއުޅޭ މީހުން ދެނެގަތުމަށް ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރެއިން 837 މީހަކު ދިރިއުޅެމުންދިޔަ 18 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަކަށް ގެންގޮސްފައެވެ. މިހާތަނަށް އައިރު މީގެ ތެރެއިން 300 އަށް ވުރެ ގިނަ ބިދޭސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ބޯހިޔާވަހިކަމުގެ ވަސީލަތަކަށް ބަދަލުކޮށްފައިވާއިރު، އިތުރު ގިނަ ތަންތަން ދަނީ ތަރައްޤީކުރަމުންނެވެ.