ރާއްޖެއިން ކޯވިޑް-19ގެ އެންމެ ފުރަތަމަ ކޭސް ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓްގައި އޮތް މޮނީޓަރިންގެ ޙާލަތު އުވާލައިފިއެވެ. މޮނީޓަރިންގެ ޙާލަތު އުވާލައި އެ ރިސޯޓުން އަރާ ފޭބުމުގެ ހުއްދަ ދިނުމަށް ދޭ ލިޔުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވަނީ ރިސޯޓުގެ މެނޭޖްމަންޓާ ހަވާލުކޮށްފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އެންމެ ފުރަތަމަ މީހާ ފެނުނު ކުރެއްދޫ ރިސޯޓުގެ ހުރިހާ މުވައްޒަފުން ކޯވިޑް-19އަށް ޓެސްޓްކުރަން ނިންމައިފިއެވެ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި އޮތް މޮނީޓަރިންގެ ޙާލަތުން ނަގާފައިމިވަނީ 46 ދުވަހު މޮނީޓަރިންގެ ހާލަތުގައި ބޭއްވުމަށް ފަހުއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް އެންމެ ފަހުން ވިދާޅުވީ، ކުރެއްދޫ މޮނިޓަރިންގް ހާލަތު ނުނަގާ ބާއްވފައި އޮތީ އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮވެދާނެކަމަށް ބެލެވޭތީކަމަށެވެ. މިކަން ޔަޤީންކުރުމަށް ރަށުގައި ތިބި އެންމެންގެ ސާމްޕަލް ނަގައި ޓެސްޓުކޮށްފައިވާއިރު، ރިސޯޓް މޮނީޓަރިންއިން ނަގާނީ އެންމެންގެ ނަތީޖާ ނެގެޓިވް ވުމުންކަމަަށެވެ. މަބްރޫކް ވަނީ މި އިންތިޒާމުގެ ދަށުން ކުރެއްދޫއިން 649 ސާމްޕަލް ނަގާފައިވާކަމަށެވެ.
ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން ކޯވިޑް-19ގެ އެންމެ ފުރަތަމަ ކޭސް ފެނުނު ރިސޯޓެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީ ފަތުރުވެރިއަކު މި ބައްޔަށް ޕޮޒިޓިވްވެފައިވުމުން ކުރެއްދޫއިން އޭނާއާއި ކޮންޓެކްޓްވި މީހުންގެ ޓެސްޓު ހެދުމުން އެ ރިސޯޓުގެ ޑޮކްޓަރު ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ފަހުންވެސް ހަތަރުމީހަކު ބައްޔަށް ޕޮޒިޓިވްވެ އެ ރިސޯޓުން ޖުމްލަ ފަސް މީހަކު މިހާތަނަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. ނަމަވެސް އެއެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓްގައި އޮތް މޮނީޓަރިންގެ ޙާލަތު އުވާލައިފައިވާއިރު، މިވަގުތު ރާއްޖޭގެ 21 ރަށެއް އަދިވެސް އޮތީ މޮނީޓަރިންގް ހާލަތެއްގައެވެ.
މި ރަށްތަކުގެ ތެރެއިން މާލެ ސިޓީ 14 ދުވަހުގެ ފުރަބަންދެއްގައި އޮތް އިރު، އިއްޔެވަނީ އިތުރު 14 ދުވަހަށް މަލެ ސިޓީގެ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. މިހާރު ރާއްޖޭގެ އެއްވެސް ރަށަކުން ޒަރޫރީ ބޭނުމެއް ނެތި އަރާ ފޭބުންވެސް މިހާރު ވަނީ މަނާކޮށްފައެވެ.